ސައޫދީ ޢަރަބިއްޔާގައި ސިކުނޑި މަރުވި މީހަކު އޭނާގެ ގުނަވަންތައް ހަދިޔާކޮށް ފަސް މީހެއްގެ ފުރާނަ ސަލާމަތް ކޮށްފިއެވެ.

ސައުދީ ޢަރަބިއްޔާއަކީ "ވަ މަން އަޙުޔާހާ" ކެމްޕޭންގެ ދަށުން މަރުވާ މީހުން އެހެން މީހުންނަށް ގުނަވަންތައް ހަދިޔާ ކުރުމުގެ ގައުމީ ކެމްޕޭނެއް ހިންގާ ގައުމެކެވެ.

މައްކާގެ ކިންގް އަބްދުالله މެޑިކަލް ސިޓީގައި އޮތް ބަލި މީހެއްގެ ސިކުނޑި މަރުވުމާ ގުޅިގެން ގައުމީ ޕްރޮޓޮކޯލާ އެއްގޮތަށް، އޭނާގެ އާއިލާއަށް ގުޅައި އޭނާގެ ގުވަންތަކާ މެދު އަމަލު ކުރާނެ ގޮތާ މެދު އެއްސެވެ. އަދި ވާރުތަވެރިންގެ ރުހުމާއެކު ގުނަވަންތައް ހަދިޔާ ކުރެވުނެވެ.

އެމީހާގެ ގުނަވަންތައް ލިބުނީ ގުނަވަން އިންދަން ބޭނުންވެގެން ވެއިޓިން ލިސްޓުގައި ހިމެނިފައިވާ ބަޔަކަށެވެ.

އާއިލާގެ ރުހުމާއެކު އޭނާގެ، ކިޑްނީ، ފުރަމޭ، ހިތް އަދި ފުއްޕާމޭ ނަގައި، އެ ގުނަވަންތައް އުންމީދު ގެއްލިފައިވާ އެހެން މީހުންނަށް ހަދިޔާ ކުރެވުނެވެ.

މިއީ ސައޫދީގައި އެގޮތަށް ގުނަވަން ނަގައި އިންދި ފުރަތަމަ ކޭސްއެއްވެސް ނޫނެވެ. މީގެ ދެ މަސް ކުރިން ނަޖުރާންގައިވެސް ފަސް މީހަކަށް އެކެއްގެ ގުނަވަންތައް ހަދިޔާކޮށްފައި ވެއެވެ.

ސައުދީ ސެންޓަރ ފޯ އޯގަން ޓްރާންސްޕްލާންޓުން ކަށަވަރުކޮށްދިން ގޮތުގައި މަރުވި މީހާގެ ހިތް ލިބުނީ ވަރަށް ސީރިއަސް ސިއްހީ ހާލަތެއްގައި ހުރި 10 އަހަރުގެ އަންހެން ކުއްޖަކަށެވެ.

އަދި އެމީހާގެ ކިޑްނީ ބޭނުންކޮށްގެން 14 އަހަރުގެ އަންހެން ކުއްޖެއްގެ ކަނާތު ކިޑްނީ ބަދަލު ކުރިއެވެ. މި ކުއްޖާ ކިޑްނީއަކަށް މަޑުކޮށްގެން ހުންނަތާ ހަތް އަހަރު ވެއްޖެއެވެ.

އަދި އުމުރުން 38 އަހަރުގެ ބަލިމީހަކަށް އަނެއް ކިޑްނީ އިންދިއެވެ.

ފުރަމޭ ބަދަލުކޮށްފައި ވަނީ އަވަސް ވެއިޓިންގ ލިސްޓުގައި ހިމެނުނު އުމުރުން 59 އަހަރުގެ އަންހެނެއްގެއެވެ.

ފުއްޕާމޭ ބަދަލުކޮށް ފައިވަނީ އުމުރުން 23 އަހަރުގެ އަންހެން ކުއްޖެއްގެ އެވެ.