ހެއްކާބެހޭ ޤާނޫނާ ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމަށް އެ ޤާނޫނު އަލުން އިޞްލާހުކުރުމަށް ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މިއީ މިއަހަރުގެ ޖުލައިމަހު ތަޞްދީޤުކޮށްފައިވާ ގާނޫނެކެވެ.

ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިންތިޒާމުކޮށް ބޭއްވި ފުރަތަމަ "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022" ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ހެއްކާ ބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގެ {ށ} އަށް، ގެނެވުނު އިސްލާހާމެދު މީޑިއާގެ ކަންބޮޑުވުމެއް އޮތްކަން ފާހަގަކުރެވޭކަމަށެވެ. އެކަމާގުޅޭގޮތުން އެމަނިކުފާނު މީޑިއާގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވާކަމަށް ވެސް ވިދާޅުވިއެވެ. ރައީސުލްްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ނޫސްވެރިކަމަށް ޤާނޫނީ ހުރަހެއްގެ ގޮތުގައި ކުރިން، "އަބުރު ރައްކާތެރިކުރުމުގެ ނަމުގައި" އޮތް ޤާނޫނު މި ސަރުކާރުން އުވާލައްވައި ނޫސްވެރިންނަށް މިކަމުގައި އޮތް ކަނބޮޑުވުން ވެސް ޙައްލުކޮށްދެއްވާފައިވާކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގައި ބްރޯޑްކާސްޓިންގެ މަސައްކަތްތައް ފެށިގެން އައި ގޮތުގެ މައްޗަށާއި ޓީވީއާ ރޭޑިޔޯއިން ރާއްޖޭގެ މުޖުތަމަޢަށް ގެނެސްދިން ރަނގަޅު ބަދަލުތަކާ ބެހޭ ގޮތުން ވެސް ރޭގެ ހަފްލާގައި ރައީސް ކޮންމެވެސް ވަރަކަށް ވާހަކަފުޅު ދެއްކެވިއެވެ.

ރޭގެ ޙަފްލާގައި ލައިފްޓައިމް އެޗީވްމަންޓް އެވޯރޑް ލިބިވަޑައިގެންނެވި ދެ ބޭފުޅުން ކަމުގައިވާ ސަމަރު-ބުލޫ އިބްރާހީމް މަނިކް އަދި އަލް މަރްޙޫމާ ޒާހިދާ އިބްރާހީމްގެ އެވޯރޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ދެ ބޭފުޅުންނަކީ ޒަމާނާއެކު އޭރު ރާއްޖެއަށް އަންނަމުންދިޔަ ބަދަލުތަކުގެ ތެރޭގައި އެކިއެކި ދާއިރާތަކުން ޢާންމު ރައްޔިތުން ހޭލުންތެރިކޮށް ކަންކަމަށް އަހުލުވެރިކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރެއްވި، ބްރޯޑްކާސްޓް ދާއިރާ ޚިދުމަތުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެވަޑައިގެންނެވި ދެ ބޭފުޅުންނެވެ.

މި ޙަފްލާގައި ރައީސް ވިދާޅުވީ ރާއްޖޭގެ ނޫސްވެރިކަން އަންނަން އޮތް ޖީލުތަކާ ހަމައަށް އަމާނާތްތެރިކަމާއެކު ފޯރުކޮށްދޭންޖެހޭކަމެވެ. އެގޮތުން ރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ފުޅާދާއިރާއެއްގައި އޮތްނަމަވެސް ނޫސްވެރިން ހިފަހައްޓަންޖެހޭ އަޚްލާޤީ މިންގަޑުގެ ތެރޭގައި ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރުމުގައި ކުރިޔަށްދިއުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ނޫސްވެރިންނަށް ބޭނުންވާ ހުނަރާއި، ޤާބިލްކަމާއި، ތަމްރީނު، ލިއްބައިދިނުމަށް ކުރިޔަށްވުރެ ބޮޑަށް، މިހާރު މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެކަމުގައި ސަރުކާރާ އަދި ވަކިން ޚާއްޞަކޮށް ބްރޯޑްކާސްޓިންގ ކޮމިޝަނާ، މީޑިއާ ކައުންސިލްގެ ދައުރުގެ މުހިއްމުކަމަށް ވިދާޅުވިއެވެ.

ރޭގެ ޙަފްލާގައި މޯލްޑިވްސް ބްރޯޑްކާސްޓް އެވޯރޑް 2022ގެ ޖޫރީގެ އެވޯޑް ލިބިވަޑައިގެންނެވި ބޭފުޅުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.