ކޮވިޑް-19 ގެ ލޮކްޑައުންގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޭނުމަށް ތެޔޮ ހޯދުމުގައި ހިންގާފައިވާ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމާބެހޭ ފަރާތްތައް ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ އެސްއޯއީ ކޮމިޓީން މި މައްސަލަ ބަލަން ނިންމީ އެ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފަހުގައެވެ.

ތެޔޮ ގަތުމުގެ ނަމުގައި އެމްޕީއެލްއަށް ތެޔޮ ގަންނަ ފޯމްތައް ފޯޖްކޮށް، ފޯމްތަކުގެ ފޮޓޯކޮޕީ ހައްދައި، އެ ފޯމްތަކަށް ތެޔޮ ހޯދާފައިވާ ކަމަށް އެމްޕީއެލްގެ އިންޓަރނަލް އޮޑިޓުން ވަނީ ފާހަގަވެފައެވެ. އަދި އެކަން އެ މަސައްކަތް ކުރަން ހަވާލުކޮށްފައިވާ މުވައްޒަފު އޮޑިޓަށް ދީފައިވާ ބަޔާންތަކުން އެނގޭ ކަމަށް އެމްޕީއެލްގެ ސީއީއޯ ފޮނުއްވެވި ސިޓީގައިވެއެވެ.

ކޮމިޓީން ނިންމީ މި މައްސަލައިގައި އިތުރަށް ސާފު ކުރަންޖެހޭ ކަންކަން ހުރުމުން، އެމްޕީއެލްގެ އިސްވެރިންނާއި އެފްއެސްއެމްގެ މިކަމާއި ގުޅުންހުރި ފަރާތްތައް ކޮމެޓީއަށް ހާޒިރު ކުރުމަށެވެ.މި މައްސަލައިގެ ތެރެއިން 8 މިލިއަނަށް ވުރެން ގިނަ ރުފިޔާއަށް ވަނީ ހިޔާނާތްތެރިވެފައިވެއެވެ.

މިކަމާ ގުޅިގެން މެމްބަރުން ވިދާޅުވެފައިވަނީ، ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ. ދައުލަތުގެ ވިޔަފާރި ކުންފުނިތައް މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް މަތިކޮށްފައިވާ ޒިންމާތައް ނެގުމުގައި ފެއިލްވެފައިވާ ކަމަށެވެ.