ޑިމޮކްރެސީ ހަރުދަނާ ކުރުމުގައި މިފަހުގެ ތާރީޚުގައި ރާއްޖޭގައި އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ، ލޯކަލް ކައުންސިލްތަކުގެ ދައުރު ފުޅާކޮށް، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްޞަދުގައި، ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތައްކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެންވިދާޅުވީ މިއަހަރުގެ ބައިނަލްއަޤްވަމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބާގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވައި ދެއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެންނެވި ބަދަލުތަކުގެ ސަބަބުން، އެ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ އެތައް ޙައްޤުތަކެއް އިތުރަށް ކަށަވަރުކުރެވިފައިވާކަމުގައެވެ. ހަމަ އެހެންމެ، ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގައި، ރައްޔިތުންގެ ބަސް އިއްވުމުގެ ފުރުޞަތު ކުރިއަށްވުރެ ބޮޑަށް ތަނަވަސްވެފައިވާކަމަށް ވެސް ވިދާޅުވިއެވެ.ރައްޔިތުން ބާރުވެރިކުރުވައި ރައްޔިތުންނަށް ބާރުތައް ދިނުމުގައި މިންތީގެ ތަފާތުތައް އެއްފަރާތްކޮށް، ހަމަހަމަ ފުރުޞަތު ހޯދައިދިނުމަށާއި އަންހެނުން ބާރުވެރިކުރުމަށް، ޤާނޫނުތަކަށް މިހާރުވެސް ގިނަ ބަދަލުތަކެއް ގެންނަވާފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެހެން ޤައުމުތަކެކޭ އެއްފަދައިން ތިމާވެށީގެ މައްސަލަތަކާއި ޓެރަރިޒަމްފަދަ މައްސަލަތަކަކީ ރާއްޖޭގެ ޑިމޮކްރަސީއަށްވެސް ކުރިމަތިވެފައިވާ ގޮންޖެހުންތަކެއް ކަމަށާއި މިފަދަ ކޮންމެ ކަމަކުން ރާއްޖެ ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ، މުޅި ދައުލަތް ހިމެނޭހެން އަދި ފަރުދީ، ޖަމާޢީ ފެންވަރުގައި ބައިވެރިވެގެން އަދާކުރަންޖެހޭ، ޒިންމާއެއްކަމަށް ވެސް ވިދާޅުވިއެވެ.