ޔުއެފާ ޔުރޮޕާ ލީގުގެ ތާރިހުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކުރި ފުރަތަމަ ލަނޑާއެކު ޝެރިފް 2-0 އިން ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑުން ފުރަތަމަ ތިން ޕޮއިންޓް ރޭ ހޯދައިފިއެވެ.

މިމެޗަށް މެންޗެސްޓަރ ޔުނައިޓެޑުން ނިކުތީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހަފްތާގައި އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑް އަތުން 1-0 އިން ބަލިވި މެޗަށް ނުރެވުނު ފުރަތަމަ އެގާރައަށް 5 ބަދަލު ގެނެސް ގެންނެވެ. ސޮސިއެޑާޑާ ދެކޮޅަށް ނެރުނު ފުރަތަމަ އެގާރައިގައި ޑިފެންސް ލައިނަށް ނެރުނު ހެރީ މަގުއޭ އާއި ލިންޑްލޮފްގެ ބަދަލުގައި ޝެރިފާ ދެކޮޅަށް ރޭ ނެރުނީ މާޓިނޭޒް އާއި ވަރާންއެވެ. ޑިފެންސިވް މިޑްފީލްޑަރަކަށް ނެރުނީ ނެކްޓޮމިނީގެ ބަދަލުގައި ކެސިމީރޯއެވެ. ފްރެޑާއި އެލަންގާގެ ބަދަލުގައި ފުރަތަމަ އެގާރައިން ފުރުސަތު ދިނީ ބްރޫނޯ ފެނާންޑޭޒް އާއި ސަންޗޯއަށެވެ. ޔުނައިޓެޑުން އެންމެފަހުން ކާމިޔާބު ކުރީ 28 ލަނޑުގެ ތެރެއިން 11 ލަނޑު ޖެހުމުގައި ފެނާންޑޭޒް ޑައިރެކްޓްލީ ޝާމިލުވެފައި ވެއެވެ.

ސަންޗޯ ލަނޑު ޖެހުމަށްފަހު، އޭނާއަށް ސަޕޯޓަރަކު ދިން ކަށިމަތި ދައްކާލަނީ. ފޮޓޯ: ރޮއިޓާސް

މޯލްޑޯވާގެ ޗެމްޕިއަން ޝެރިފާ ދެކޮޅަށް ޔުނައިޓެޑުގެ ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ޖޯޑަން ސަންޗޯއެވެ. މިއީ ޑެންމާކުގެ ތަޖުރިބާކާރު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހި ލަނޑެކެވެ. ލިބުނު ޕެނަލްޓީއަކުން ޔުނައިޓެޑުގެ ދެވަނަ ލަނޑު ރޮނާލްޑޯ ކާމިޔާބު ކޮށްދިނީ 39 ވަނަ މިނެޓުގައެވެ. މިލަނޑަށްފަހު ރޮނާލްޑޯ ވަނީ ވަރަށް ބޮޑަށް އުފާފާޅު ކޮށްފައެވެ. ރޮނާލްޑޯއަކީ ޗެމްޕިއަންސް ލީގުގެ ތާރިހުގައި އެންމެ ގިނަ ލަނޑު (140 ލަނޑު) ކާމިޔާބު ކޮށްފައިވާ ކުޅުންތެރިޔާއެވެ. މިސީޒަނުގައި ޔުރޮޕާ ލީގުގައި ކުޅެން ޖެހޭތީ ރޮނާލްޑޯ،37، ވަނީ ނިމިދިޔަ ޓްރާންސްފާގެ ބާޒާރުގައި ޗެލްސީ، ބަޔާން މިޔުނިކް، އެތުލެޓިކޯ މެޑްރިޑް، އަދި ނަޕޯލީ އާއި މާސޭއަށް ބަދަލުވުމަށް މަސައްކަތް ކޮށްފައެވެ. އެކަމަކު މިއިން ކޮންމެ ކްލަބަކުންވެސް އެނާ ގެންދިޔުމަށް ދެކޮޅު ހެދީއެވެ.

ޝެރިފް އަތުން ލިބުނު 3 ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ގްރޫޕް އީ ގެ ދެވަނައިގައެވެ. ތިންވަނައިގައި ޝެރިފްވެސް އޮތީ 3 ޕޮއިންޓާއެކުއެވެ. ޔުނައިޓެޑަށް ކުރި ލިބެނީ ހެޑް-ޓު-ހެޑުންނެވެ. އެއްވަނައިގައި އޮތީ ކުޅުނު ދެމެޗުންވެސް މޮޅުވެ 6 ޕޮއިންޓާއެކު ރެއާލް ސޮސިއެޑާޑެވެ.