އެމެރިކާ އިސްވެ އޮވެގެން މެދުއިރުމަތީގެ އަރަބި ގައުމުތަކާއި އިޒްރޭލާ ދެމެދު ސޮއިކުރުވި އިބްރާހިމީ މުއާހަދާއަށް އިއްޔެ ދެ އަހަރު ފުރުނީއެވެ.

މީގެ ދެ އަހަރު ކުރިން ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އިސްރާއީލާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ބަހްރެއިން އިން އިބްރާހީމީ މުއާހަދާގައި ސޮއިކުރިއެވެ.

އިންޑިއާގެ މުހައްލިލުން ބުނާ ގޮތުގައި ދުރުގައި އޮތް ނަމަވެސް މި އެއްބަސްވުމުން ސިދާ ފައިދާ ކުރި އެއް ގައުމަކީ އިންޑިއާއެވެ. އިބްރާހިމީ މުއާހަދާގައި ބައިވެރިވާ ހުރިހައި ފަރާތަކީ އިންޑިއާގެ ވިޔަފާރީގެ ބައިވެރިންނެވެ. އަދި މި އެއްބަސްވުމުން އިންޑިއާއަށް ވަނީ އިތުރު ވިޔަފާރި ފުރުސަތުތައް ފަހިކޮށްދީފައެވެ.

މި އެއްބަސްވުމުގެ ސަބަބުން އިންޑިއާއަށް ކުރި ފައިދާތަކުގެ ތެރޭގައި ރައްޔިތުންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުމާއި، ވިޔަފާރީގެ ފުރުޞަތުތައް ފަހި ވެގެން ދިއުމާއި ސާފު ހަކަތައާއި، ސިއްހަތާއި، އިނޮވޭޝަންއާއި، ޓެކްނޮލޮޖީއާއި، ދަނޑުވެރިކަމާއި، ފެނާއި، ވިޔަފާރިއާއި، ފަތުރުވެރިކަމާއި، ދެމެހެއްޓެނިވި ތަރައްގީގެ ކަންކަމާއި އަދިވެސް އެތައް އެހެން ކަމެއް ފަދަ މުހިންމު ދާއިރާތަކުގައި އިންޑިއާއިން ދަނީ އެ ގައުމުތަކާއެކު އާ ޖޮއިންޓް ވެންޗަރތައް ހަދަމުންނެވެ.