ޕާކިސްތާންގައި ފެން ބޮޑުވި ސަރަހައްދުތަކުގައި ބޭހަށް ޖެހިފައެވެ. އަދި ބޭސް އުފައްދާ ކުންފުނިތަކުން ވަނީ ބޭހުގެ ދަތިކަމުގެ ޒިންމާ ސަރުކާރުގެ ބޮލުގައި އަޅުވާފައެވެ.

އެހީދޭ ޖަމިއްޔާތަކުން ބުނަނީ ފެންބޮޑުވުމަށްފަހު ފެތުރޭ ބަލިތައް ހުއްޓުވުމަށް އިތުރު ބޭސްތައް ވަރަށް އަވަހަށް ބޭނުންވާ ކަމަށެވެ. ފާމަސީތަކުން ތަދުކެނޑޭ ބޭސްތަކާއި އެންޓިބަޔޮޓިކްސް އާއި ހަންގަނޑާއި އަންހެނުންގެ މައްސަލަތަށާކާއި ހަކުރުބައްޔާއި ލޮލުގެ އިންފެކްޝަންތަކަށް ބޭނުންވާ ބޭސްތައް އެއްގޮތަކަށްވެސް ނެތް ކަމަށް ބުނެއެވެ.

ޕާކިސްތާނުގެ ސޯޝަލް ވެލްފެއާ ޗެރިޓީ އީދީ ފައުންޑޭޝަންގެ އެހީގެ މަސައްކަތްތެރިއެއް ކަމަށްވާ އަސަދުالله ޚާން ވިދާޅުވީ ސްވަޓް އޭރިއާގައި އޭނާ ދަންނަ ގިނަ ބަޔަކު ވަނީ ޕާކިސްތާނުގެ އެހެން ހިސާބުތަކަށް ހިޖުރަ ކޮށްފައެވެ.

އޭނާ ވިދާޅުވީ ހަކުރު ބައްޔަށްދޭ އިންސިއުލިން އާއި އެހެނިހެން ބޭސްތައް ނުލިބިގެން މީހުން ތެޅިފޮޅޭ ކަމަށެވެ.

ސްވަތު ވާދީގެ އުތުރު ކަލާމް ސަރަހައްދުގައި ދިރިއުޅޭ ޚާން އިތުރަށް ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޓީމަކުން އެސރަހައްދުގެ ލޯކަލް ހޮސްޕިޓަލަށް ޒިޔާރަތްކޮށް ޒަރޫރީ ބޭހާއި އެހެނިހެން ސާމާނު ފޯރުކޮށްދޭނެ ކަމަށް ވައުދުވި ކަމަށެވެ.