އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓުން ލަނޑެއް ޖަހައިފައި ވަނިކޮށް ފަހަތުން އަރައި ފުލްހަމް އަދި އަމިއްލަ ދަނޑުގައި ސައުތެމްޓަމް އަތުން އެސްޓަންވިލާ މޮޅުވެއްޖެއެވެ.

މިސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ފުލްހަމްއިން ފޮރެސްޓްގެ މައްޗަށް ކުރި ހޯދީ ދެވަނަ ހާފުގައި ކާމިޔާބު ކުރި ތިން ލަނޑުން 3-2 އިންނެވެ. ޕްރިމިއަރ ލީގުުގެ ތާރިހުގެ އެންމެ ގިނަ ޓްރާންސްފާ ހެދުމުގެ ރެކޯޑް ނިމިދިޔަ ހޫނުމޫސުމުގެ ޓްރާންސްފާ މާކެޓުގައި ހެދި ފޮރެސްޓުން މެޗުގެ ލީޑް ނެގީ 11 ވަނަ މިނެޓުގައި ޓައިވޫ އެވޮނިޔީގެ ލަނޑުންނެވެ. ފުރަތަމަ ހާފް ނިމުނީ މިނަތީޖާގައި އޮވެގެންނެވެ.

ފުލްހަމްއިން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައި 6 މިނެޓުގެ ތެރޭ ތިން ލަނޑު ޖަހައިގެންނެވެ. ފުރަތަމަ ލަނޑު 54 ވަނަ މިނެޓުގައި ޓޮސިން އަޑަރަބަޔޯ، ދެވަނަ ލަނޑު 57 ވަނަ މިނެޓުގައި ޖައޯ ޕަޅިންހާ އަދި ތިންވަނަ ލަނޑު 60 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ހަރިސޮން ރީޑެވެ. ފޮރެސްޓުން ފަރަގު ކުޑަ ކުރީ 77 ވަނަ މިނެޓުގައި ލެވިސް އޯބްރީން ކާމިޔާބު ކުރި ލަނޑަކުންނެވެ.

މިއީ 2009 ވަނަ އަހަރުގެ ފަހުން ފުރަތަމަ ހާފް ބަލިވެފައި އޮތުމަށްފަހު ފުލްހަމްއަށް މެޗެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ. އަނެއްކޮޅުން މިއީ ފޮރެސްޓް ޕްރިމިއަރ ލީގުގައި ޖެހިޖެހިގެން 1992 ވަނަ އަހަރަށްފަހު 4 މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.

މިމެޗް ކާމިޔާބުކޮށް ފުލްހަމް 11 ޕޮއިންޓާއެކު އޮތީ ތާވަލުގެ 6 ވަނައިގައެވެ. ލީގް ފުލުން ދެވަނައިގައި ފޮރެސްޓް އޮތީ 4 ޕޮއިންޓާއެކުއެވެ.

ސްޓީވެން ޖެރާޑުގެ އެސްޓަންވިލާއިން ސައުތެމްޓަމް ބަލިކުރީ ފުރަތަމަ ހާފް ނިމެން ދަނިކޮށް ޔަކޯބް ރަމްސޭ ކާމިޔާބު ކުރި ހަމައެކަނި ލަނޑުން 1-0 އިންނެވެ. މެޗުގެ ފަހު ވިއްސަކަށް މިނެޓް އެސްޓަންވިލާއިން ކުޅުނީ ވަރަށް ބޮޑަށް ޑިފެންސަށް އިސްކަންދީގެންނެވެ. ސައުތެމްޓަމްއަށް އެސްޓަންވިލާ ގޯލަށް އަމާޒުކޮށް މިމެޗުގައި ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

މިމޮޅާއެކު އެސްޓަންވިލާއަށް 7 ޕޮއިންޓް ލިބި ވަގުތީ ގޮތުން ރެލިގޭޝަން ޒޯނާ ފެޔަށް ޖެހިލެވޭ ގޮތް ވަނީ ވެފައެވެ. މިމެޗުން ބަލިވުމުގެ ސަބަބުން، ތާވަލުގެ 7 ވަނައިގައި 10 ޕޮއިންޓާއެކު އޮތް ޗެލްސީއާ އެއްވަރު ކުރަން ލިބުނު ފުރުސަތު ސައުތެމްޓަންއަށް ވަނީ ގެއްލިފައެވެ.