އުފަން ގައުމު ސެނަގާލަށް ނުކުޅެ ފްރާންސް ގައުމީ ޓީމު އިހްތިޔާރު ކުރެވުމަކީ ހަޔާތުގައި ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށާއި އެކަމާމެދު ހިތާމަ ކުރާ ކަމަށް ކުރީގެ ތަޖުރިބާކާރު ޑިފެންޑަރު ޕެޓްރިކް އެވްރާ ބުނެފިއެވެ.
ފްރާންސް ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ކުރި އެވްރާ މިހެން ބުނީ ގާނާއަށް މިހާރު ކުރަމުންދާ ދަތުރުގައި އެގައުމުގެ ރައީސް ނާނާ ަކުފޯ-އައްޑޯއާ ބައްދަލު ކުރުމަށްފަހު ސްޕޯޓްސް ބްރީފަށް ދިން ބަސްދީގަތުމެއްގައެވެ.
"އެނބުރި ފަހަތަށް އަހަންނަށް ދެވޭނަމަ ފްރާންސް ގައުމީ ޓީމުގެ ބަދަލުގައި އިހްތިޔާރު ކުރާނީ އުފަން ގައުމު ސެނަގާލް ގައުމީ ޓީމް. ފްރާންސް ގައުމީ ޓީމް އިހްތިޔާރު ކުރެވުމުން އަހަންނަށް މިވަނީ ވަރަށް ހިތި ފިލާވަޅެއް ލިބިފައި. ފްރާންސް ގައުމީ ޓީމާއެކު މެޗަކުން ބަލިވެއްޖެނަމަ އަރެންނަކީ އެކަނިވެރި ސެނަގާލް މީހެއް. ފްރާންސް މީހެއްގެ އިހްސާސް ކުރަން ފުރުސަތު ލިބެނީ ހަމައެކަނި ކާމިޔާބު ލިބޭ ވަގުތު" އެވްރާ ،41، ބުންޏެވެ.
އެވްރާ އުފަންވީ ސެނަގާލްގެ ވެރިރަށް ޑާކާއަށެވެ. އެވްރާގެ ބައްޕައަކީ ޑިޕްލޮމޭޓެކެވެ. އެވްރާގެ އުމުރުން އެއްއަހަރުގައި އެވްރާގެ ބައްޕައަށް އާއިލާ ގޮވައިގެން ފްރާންސަށް ބަދަލުވާން ޖެހުނީއެވެ.
އެވްރާ ބުނީ އެފްރިކާގެ ގައުމުތަކުގައި ވަރަށް ހުނަރުވެރި ކުޅުންތެރިން އެބަތިބި ކަމަށާއި އެކުޅުންތެރިންނަށް ގައުމީ ޓީމާއެކު ކާމިޔާބު ހޯދޭނެކަން ކިޔައިދޭން ބުނެދޭން ޖެހޭކަމަށެވެ.
ފްރާންސަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެފްރިކާގެ ވަރަށް ގިނަ ގައުމުތައް އަޅުވެތި ކުރި ގައުމެކެވެ. މިހާރުވެސް ފްރާންސްގެ ނުފޫޒު އެފްރިކާގެ ގިނަ ގައުމުތަކުގައި އޮތުމާއެކު، ރަނގަޅު ދިރިއުޅުމެއް ހޯދުމަށްޓަކައި އެފްރިކާގެ ވަރަށް ގިނަ ގައުމުތަކުގެ އެކިފަންނުތަކުގެ ހުނަރުވެރިން ފްރާންސަށް ހިޖުރަކުރެއެވެ. ފްރާންސުން 1998 އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު އެފްރިކާގެ ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިންގެ ދައުރު ބޮޑެވެ.
1998 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލުގައި ބްރެޒިލް އަތުން 3-0 އިން ފްރާންސް މޮޅުވިއިރު ދެލަނޑު ކާމިޔާބު ކޮށްދިނީ މަޝްހޫރު ޒައިނުއްދީން ޒިދާނެވެ. އޭނާއަކީ އެފްރިކާގެ އަލްޖީރިއާގެ ކުޅުންތެރިއެކެވެ. 2018 ވަނަ އަހަރު ފްރާންސުން ވޯލްޑް ކަޕް ކާމިޔާބު ކުރި ޓީމުގެ ފުރަތަމަ އެގާރައިގެ %87 އަކީ އެފްރިކާގެ ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިންނެވެ.