ފެނަކަ ކްލީނިންގ ޑޭ 2022 ނުވަތަ ފެނަކަ ސާފުކުރުމުގެ ދުވަހުގެ ނަމުގައި ފެނަކައިން މިއަދު ހަރަކާތެއް ފަށައިފިއެވެ. މިއީ ދުނިޔެ ސާފު ކުރމުގެ ދުވަހާ ގުޅިގެން ބާއްވާ ހަރަކާތެކެެވެ.

މި ހަރަކާތުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހުރިހާ ބްރާންޗްތަކެއް ބައިވެރިވެއެވެ. އެގޮތުން އަތޮޅުތެރޭގައި ހުރި ފެނަކައިގެ 156 ބްރާންޗްގެ މުވައްޒަފުން މިޙަރަކާތުގައި ބައިވެރިވަމުންދާ ކަމަށް އެކުންފުނީން ވިދާޅުވިިއެވެ.

މިޙަރަކާތް ހިންގުމަށް ރޭވިފައިވަނީ މިއަދު ހެނދުނު 07:00 އިން މެންދުރުފަހު 16:00 އާ ހަމައަށް ކަމަށް ވެސް އެކުންފުނީން ވިދާޅުވެފައިވެއެވެ.

މިޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ ކުންފުނިން ޚިދުމަތްދޭ ބްރާންޗްތަކުގެ މުވައްޒަފުން މަސައްކަތްކުރަމުންދާ މާޙައުލަކީ ސާފުޠާހިރު، އަދި އެތަންތަނުގައި ކޮންމެހެން ހިފަހައްޓަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައް ހިފެހެއްޓިފައިވާ ތަންތަނުގެ ގޮތުގައި ކަށަވަރުކުރުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ،

އެގޮތުން، ފެނަކައަކީ ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތް ދިވެހިރާއްޖޭގެ ބޮޑު އާބާދީއަކަށް ފޯރުކޮށްދެމުންއަންނަ ކުންފުންޏެއްކަމުގައިވާތީ، އެ ކުންފުނީގެ ޚިދުމަތްދޭ ބްރާންޗްތަކަކީ އެރަށެއްގައި ދިރިއުޅެމުންދާ އާއްމު ރައްޔިތުންނާއި އަދި ހަމައެފަދައިން އެޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުންދާ މިކުންފުނީގެ ހީވާގި މުވައްޒަފުންނަށް ރައްކާތެރި އަދި މަސައްކަތުގެ ފެންވަރު އެންމެ ރަނގަޅު ފެންވަރުގައި ފޯރުކޮށްދެވޭ ފެންވަރުގެ ތަންތަންކަމުގައި ދެމެހެއްޓުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މައިގަނޑު ކަަންކަން އަދި އެކަންކަމުގެ ބައެއް ތަފްސީލް:

  • އިލެކްޓްރިކަލް ސޭފްޓީ
  • ގުދަންކުރުން
  • ކެމިކަލް ސްޓޯރޭޖް އަދި ސޭފްޓީ
  • ކޮމްޕްރެސްޑް އެއަރ އަދި ކޮމްޕްރެސްޑް ގޭސަސް
  • ފަޔަރ ޕްރިވެންޝަން
  • ހަޒާރޑަސް ވޭސްޓް އާއި މެޓީރިއަލް ޑިސްޕޯސަލް އަދި ރިސައިކްލިންގ
  • މެނުއަލްސް، ޓްރެއިނިންގްސް، އެސްއޯޕީސް،ސޭފްޓީ ޑާޓާ ޝީޓްސް
  • ޖެނެރަލް ވޯރކް އެންވަޔަރަމެނެޓް އަދި އިންޑޯރ އެއަރ ކޮލިޓީ
  • އިންޖީނުގޭގައި ކޭބަލްތައް ގެންގޮސްފައިވަނީ ރަނގަޅަށްތޯ ބަލައި، ކޭބަލްތަކުގެ އިންސިއުލޭޝަން ހަލާކުވެފައިނެތްކަން ޔަޤީންކުރުން.
  • ތެޔޮ ރައްކާކޮށް ބެހެއްޓިފައިވަނީ އީ.ޕީ.އޭ ގެ ޤަވާޢިދާ އުސޫލުގެ ތެރެއިންތޯ ބެލުން.
  • ކެމިކަލްތައް ރައްކާކުރެވިފައިހުރީ ރަނގަޅަށް ލޭބަލްކުރެވިފައިތޯ، އަދި މުއްދަތު ހަމަވެފައިހުރި ތަކެތި އުކާލެވިފައިވެތޯ ބެލުން.
  • ވިހަ އަދި ހުޅުހިފާ ޒާތުގެ އެއްޗެހި އަޅާ ކުނިވަށި ހުރީ ވަކިން ފާހަގަ ކުރެވި ހުއްދަދެވިފައިތޯ ބެލުން.
  • ވިހަ އަދި ހުޅުހިފާ ޒާތުގެ ނައްތާލަންޖެހޭ ކެމިކަލްސް ހިފާގެންގުޅެނީ ރަނގަޅަށްތޯ ބެލުން އަދި ގޭސް ސިލިންޑަރުތައް ރައްކާކުރެވިފައިހުރީ ގަދަ ހޫނާއި، އަލިފާނާއި ދުރުގައިތޯ ބެލުން.
  • ގުދަންކުރެވިފައިވާ ތަކެތި ހުރީ މަސައްކަތްކުރާ މީހުންނާއި އެއްޗެހި ދައުރުކުރުމަށް ހުރަސް ނޭޅޭގޮތަށް އަދި ވަކިވަކިން ރައްކާކުރެވިފައިތޯ ބެލުން.
  • ހުޅުރޯވާ އަދި ގޮވާތަކެތި ހުރީ "ހުޅުރޯވާ" ނިޝާން ޖަހާފައިތޯ އަދި އެތަކެތި ރައްކާކުރެވިފައިހުރީ ސޭފްޓީ ކޭންސް ގައިތޯ އާއި، ބެހެއްޓިފައިހުރީ ހަމައެކަނި އެވަގުތު މަސައްކަތްކުރަން ބޭނުންވާ މިންވަރަށްތޯ ބެލުން.
  • އެޗް.އައި.ޑީ އަދި މާރކިއުރީ ވޭޕާރ ލޭމްޕްސް ފަދަ ހަޒާރޑަސް ވޭސްޓް ރަނގަޅަށް ރީސައިކަލް ކުރެވިފައިވޭތޯ ބެލުން.
  • ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖަރއާއި ސޭފްޓީ ޑާޓާ ޝީޓް ވަގުތުން ލިބެންހުރިތޯ ބެލުން.
  • ފެނަކަ އޮފީސް ހިންގާ ސަރަހައްދުތަކުގެ އިތުރުން ރަށުގެ އެހެން ފާހަގަ ކުރެވިފައިވާ ސަރަހައްދު ތަކުގައިވެސް މި އިވެންޓް ހަރަކާތުގެ ތެރެއިން ސާފުކުރެވިގެން ދާނެ.

މީގެ އިތުރުން ފެނަކަ އޮފީސް ހިންގާ ސަރަހައްދުތަކުގެ އިތުރުން ރަށުގައި ފާހަގަ ކުރެވިފައިވާ އެހެން ސަރަހައްދު ތަކުގައިވެސް މި ހަރަކާތުގެ ތެރެއިން ސާފުކުރެވިގެން ދާނެއެވެ.

ތިމާވެށި ހިމާޔަތްކުރުމަކީ ޤައުމެއް ނުވަތަ ރަށެއް ނުވަތަ ވަކި ޚާއްޞަ ތަނެއް ކުރިއެރުމަށް ވަރަށް މުހިންމު ކަމެކެވެ. ތިމާވެއްޓަކީ އަހަރެމެންގެ ވަށައިގެންވާ މާހައުލަށްވެފައި ތިމާވެށި ހިމާޔަތް ކުރުމަކީ ރަށުގެ އެންމެންގެ ނުވަތަ އެތަނެއްގައި އުޅޭ އެންމެންގެ ޒިންމާއް ކަމަށް ވެސް ފެނަކައިން ވިދާޅުވެފައިވެއެވެ.