ދިވެހިންނަކީ ޒަމާނުއްސުރެ ވެރިންނަށް އިޙްތިރާމްކޮށް ކަމޭހިތައި އުޅުނު ބަޔެކެވެ. ރަށްރަށުގައި އުޅުއްވި ކަތީބުންނާއި ކުޑަކަތީބުންނާއި ނާއިބުންނާއި މުދިމުންނާއި މި ބޭބޭ ކަލުންނަކީ ރައްޔިތުންގެ ނުހަނު ލޯތްބާއި އިޙްތިރާމް ހޯއްދަވައިގެން ނުހަނު ޤަދަރުވެރިކޮށް އުޅުއްވި ބޭކަލުންނެވެ. މިގޮތުން މިފަހަރު މި ބަލައިލަނީ އަޅުގަނޑުގެ ޚިޔާލީ ރަށްކަމުގައިވާ ދެކޮޅަސް ކަނޑުލުގެ އެންމެ ތަރައްޤީވެފައިވާ ރަށް ކަމަށް ބުނާ ހިނގައިދޫގައި އުޅުއްވި ކަތީބެއްގެ ވާހަކަ އަށެވެ. ކަރީމު ކަތީބެވެ. ގިނަޔަބަކު ދަންނަ ކަރީމްބެއެވެ.

މިނާއަކީވެސް އިމާމުވެ ނަމާދުކޮށް ގޭގޭގައި ބޮޑު ޞަލަވާތްފުޅު ކިޔަވައި، ކުދިންނަށް ނަންކިޔައި، ކުކުޅު ކަތިލައިދީ، އަދި ކުޑަކުދިން ބިންމަތިރަވައި އުޅުއްވި ކަންވެރި ކަތީބެކެވެ. ރަށުގެ ކުދި ބޮޑު އެންމެން ލޯބިވާ ބޭކަލެކެވެ. ދުވަހަކު ރައްޔިތަކާ ދިމާއަށް ހިތްހަމަނުޖެހޭ ޒާތުގެ ވާހަކައެއް ނުބުނުއްވައެވެ. ބުނުއްވާކަށް ޖެހިއެއްވެސް ނުލައްވައެވެ.

ކޮންމެއަކަސް ޚިދުމަތުގައި 40 އެތަށް އަހަރެއްވެފައިވަނިކޮށް ސިވިލު ސާވިހޭ ކިޔާ އެއްޗެއް އުފެދުނުއިރު މިދެންނެވި ކަތީބު ހުންނެވީ 65 އަހަރުން މައްޗަށް ގޮސްފައެވެ. އެހެން ކަމާއެކު ކަތީބުކަމުން ވަކިވެއްޖެއެވެ. ދެންވެސް އުޅުއްވީ ރަށުގެ އެންމެހައި މީސްތަކުން ނުހަނު ލޯބިވާ ބޭކަލެއްގެ ގޮތުގައެވެ.

މިހެން އުޅުއްވަނިކޮށް ޑިމޮކްރަސީއޭ ކިޔާ ޒާތަކު އެއްޗެއް އަތުވެއްޖެއެވެ. މިއެއްޗެއް އައިސް މިދެންނެވި ދެކޮޅަސް ކަނޑުލު ހިނގައިދޫގައިވެސް ވަކި ހިއްޕައިލައިފިއެވެ. މި ޑިމޮކްރަސީގައި އެމީހަކު ބޭނުން އެއްޗެއް ބޭނުން މީހަކާ ދިމާއަށް ބުނެވެޔޯލައެވެ. އަދި ވެރިންނަކީވެސް ކަތީބުން ފަދައިން އިޙްތިރާމާއެކު ކޮންމެހެން އުޅޭން ޖެހޭ ބަޔަކަށް ނުވެޔޯލައެވެ. ރައްޔިތުންގެ ކުރިމައްޗަށް ނިކުމެ އެވެނި މީހަކަށްވުރެ މަ މާ މޮޅުކަމަށް ކިޔައި އެވެނި މީހެއްގެ ހުރި އައިބުތަކެއް މަގޭ ކިބައިގެން ނެތްކަން ރައްޔިތުންނަށް އަންގައިން ސާބިތު ކޮށްދީގެން ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ހިތާވާ މީހަކަށް ވަކި މުއްދަތަކަށް ވެރިކަމުގައި ހުރެވޭ ނިޒާމެކެވެ

ކޮންމެއަކަސް ހިނގައިދޫ ރައްޔިތުންނަކީ މީހުންގެ އައިބު ކިޔައި ނެތިމޮށެ، ވެރިކަމާ ހިފައި އުޅޭ ހިތްވާ ބަޔެއްނޫނެވެ. އެހެން ކަމުން މިދެންނެވި އައު ނިޒާމުގެތެރެއިން ވެރިޔަކު ހޮވުމުގައިވެސް އެއްވެސް ވާދަވެރިކަމެއް ރަށުގައި އުފައްދަން ބޭނުންނުވާތީ ކަރީމްބެ އަރިހަށް ބަޔަކު ހިނގައްޖެއެވެ. ކީއްކުރަންތޯއެވެ. ކަތީބުކަމު އަރަންވީއެވެ. މިހާރު ކިޔާ ނަން އެކަމަކު ތަފާތެވެ. މިހާރު ކިޔަނީ ކައުންސިލަރެވެ. އާދެ! ކައުންސިލްގެ ރައީސެވެ. ކަތީބު ޚިދުމަތުން މުސްކުޅި ކުރެއްވިއަސް ޞިއްޙަތު ރަނގަޅުކަމާއި ލޯބޯ ކޮށިވުމުގެ އަލާމާތްތަކަށްވުރެ ރައްޔިތުންގެ ލޯތްބާއި އެކު ރަށުގެ ތަރައްޤީގެ ކަންތައް ކުރެވޭނެ ކަމުގެ އަލާމާތްތައް މާ ގަދަކޮށް ފެންނާންހުރީތީ އަދި އެންމެން އެންމެނަށް ރަނގަޅުވާނޭ، ރަނގަޅުވާނޭ ކިޔާވަރުން ކަރީމްބެވެސް އެކަން ޤަބޫލްކުރައްވައިފިއެވެ.

ކޮންމެއަކަސް މިކަމަށް ކުރިމަތިލެވެނީ ޕާޓީއެއްގެތެރެއިން ކަމަށްވެގެން އެ ފުރަންޖެހުނު ފޯމެއް ފުރައި އިނގިލީގެ ނިޝާން ޖަހާންޖެހުނު ތަނަކު އެވެސް ޖަހައި ހުރިހައި ކަމެއް ނިންމައިލައިފިއެވެ. އިންތިޚާބުގައި ވާދަކުރާނެ ގިނަބަޔަކު ނުވެ ކަތީބު ކައުންސިލުގެ ރައީސަށް ވެއްޖެއެވެ. ކަތީބާއެކު އަދިވެސް ޅަފުރައިގެ ކުދިންކޮޅެއް ކައުންސިލަރުންނަށްވެއްޖެއެވެ.

މިއީ މާ އައު ނިޒާމެއްކަމަށްވެގެން މި ނިޒާމަށް އަހުލުވެރިކުރާން ތަމްރީން ދޭންވެސް ބަޔަކު އަތުވެއްޖެއެވެ. މި ތަމްރީނުގެ އެންމެ މުހިއްމު ކަމަކަށް އޮތީ ވެރިންނަކީ ރައްޔިތުން ފާޑުކިޔާންޖެހޭ ބަޔެއްކަށް ޤަބޫލްކޮށްދިނުމެވެ. އަދި ފާޑުކިޔުން އާޑަ މަލާމާތަށް ބަދަލުވިޔަސް ރައްދުދީ ނުހެދުމުގެ ތަމްރީނެވެ. އަޅުގަނޑުމެންގެ ކަރީމްބެއަށް މިވާހަކަ މާ ކަމުދިޔަކަމަށް ނުވިޔަސް އެއްޗެކޭ ނުބުނުއްވައެވެ..

މިކަން މިހެން އޮއްވައި އަނެއްކާ އެހެން ތަމްރީނެއް ދޭން ބަޔަކު އަތުވެއްޖެއެވެ. މިފަހަރު ތަމްރީންދެނީ ޕާޓީގެ ފަރާތުންނެވެ. ކަރީމްބެއަށް މި ދިމާވީ އަދި މާ އުނދަގޫ ކަމެކެވެ. ދަސްކޮށްދެނީ ސިޔާސީ ޕޯޑިއަމްތަކުގައި ވާހަކަ ދައްކައި ކަންކަމުގައި ޢިލްމީ ގޮތުންނާއި ސިޔާސީ ގޮތުން ރައްދު ދޭށެވެ. ޢިލްމީ ގޮތުން ރައްދު ނުދެވޭކަހަލަ ކަންކަމުގައި ޒާތީގޮތުންވިޔަސް އެހެން ގޮތަކުންވިޔަސް މީހުންނަށް ޒުވާބު ދޭށެވެ. އަދި މިކަން ރަނގަޅަށް ކުރެވޭނީ ފިސާރި ހިތްވަރު ގަދަ ހިތް ހަރު މީހުންނަށް ކަމަށްވެސް މައުލޫމާތު ލިބިއްޖެއެވެ. އަދި ކޮންމެވެސް ވަރަކަށް ދޮގު ހަދަންޖެހޭ ޙާލަތުވެސް އަންނަކަމަށްވެސް ތުންތުންމަތިން މައުލޫމާތު ލިބިއްޖެއެވެ.

ދުވަސްތައް މާޒީވަވުން މާ ދިގު މުއްދަތެއް ހޭދާވާކަށް ނުޖެހުނެވެ. ޒަމާނީ ޑިމޮރްރަސީއާއި، ޕާޓީ ނިޒާމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމާއި، މިނިވަން ނޫސްވެރިކަމާއި، އަންހެނުން ބާރުވެރިކުރުމާއި، މިހެންގޮސް ކޮޅުން ނުލާހާ ގިނަ ކަންތައްތަކަށް ހިނގާދޫގެ ރައްޔިތުންވެސް ފަރިތަ ވެއްޖެއެވެ. ޕާޓީތަކުން ޖަލްސާ ބޭއްވުމާއި ކަންކަމުގައި އިހުތިޖާޖް ކުރުމާއި އިސްތިއުފާއަށް ގޮވުމާއި މިކަންކަމަކީ މީހަކު ހިތުގައި ޖެހެން ޖެހޭ ކަންކަން ނޫންކަމަށް ގިނަމީހުން ޚާއްޞަކޮށް ޒުވާނުން ޤަބޫލްކޮށްފިއެވެ.

މިހާރު އަޅުގަނޑުމެންގެ ކަރީމްބޭގެ ހާލަކީ ކޮބައިތޯއެވެ. ކަރީންބެ ނިސްބަތްވާ ޕާޓީގެ މީހުންނަކީ ވަގުންނޯލަޔެވެ. އަނެއް ބަޔަކީ މަގުފޭރޭ ބަޔެކޯލައެވެ. ދެން ތިބި މީހުންނަކީ މީހުން މަރާ ބަޔެކޯލައެވެ. ކޮންމެ ބަޔަކުވެސް ބުނަނީ އެމީހުންގެ ޕާޓީ ނޫން ދެން ތިބީ ކުށްވެރިން ކަމަށެވެ. ނޫނީ މޮޔައިން ކަމަށެވެ. ކަރީމްބެއާއި ދިމާއަށް މީހަކު ވަގުންގެ ޕާޓީގެ މީހެކޭ ނުވަތަ މޮޔައިންގެ ޕާޓީގެ މީހެކޭ ބުނެފިއްޔާ ކަރީމްބެއަށް ދުލުކޮޅަށް އައި އަދި އެއަށްވުރެ ހުތުރު އެއްޗެއް ބުނަންކެރެންޖެހެއެވެ. އެކަން ނުކުރެވުނުނަމަ ކަރީމްބެ މަޤާމަކަށް ކުފޫ ހަމައެއް ނުވެއެވެ.

އެއްދުވަސްވަރެއްގައި ރަށުގެ ރައްޔިތުން ނުހަނު އިޙްތިރާމްކޮށް ޤަދަރުކުޅަ ކަރީމްބެއާއި ދިމާއަށް ހިތުހުރި އެއްޗެކޭ ކިޔަންމީހުންނަށް ކެރުނީ ކަރީމްބެ އެއްވެސް ކުށެއް ކޮށްގެނެއް ނޫނެވެ. ހަމައެކަނި އެއިރު ރައްޔިތުން އެދުމުގެމަތިން ސިޔާސީ މަޤާމަކަށް ކުރިމަތިލެވުމުންނެވެ. ރަށުގެ ފާލަން އަޅައި، ކަރަންޓުލައި މިސްކިތްދޮށުގައި ރައްޔިތުންގެ ފެންތާނގީ ހަދައި، މިސްކިތު ފުރާޅުޓިނު އައުކޮށް، މަދަރުސާގެ އައު އިމާރާތް އަޅައި، މަސްވެރިންގެ މައިޒާނާއި ކުޑަކުދިންގެ ޕާކުހެދުމާއި މިހުރިހާ ކަމެއް ރައްޔިތުން ގޮވައިގެން ރަށު ތަރައްޤީގެ ފޯރީގައި އަވަށު ވާދައިގައި ކޮށް ހެދި ކަރީމްބެއާއި ދިމާއަށް މިއަދު އިސްތިއުފާއަށާއި، ހިތަށް އެރިހައި އެއްޗެއް ގޮވައިލާން ތަމްރީން ދިން މީހުން އެކަން ކުޅަޔަކީ މިނަތީޖާ ނެރެން ނޫންކަން ޔަޤީނެވެ.

ކޮންމެއަކަސް ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ޝައުޤުވެރިކަމުގައި ކަރީމްބެ ނުކުތީ ސިޔާސީ ފިކުރުތަކުގެ ދިލަޔާއި ހޫނުގައި މިގޮތަށް ޖެހޭކަށް ނޫނެވެ. އެހެން ނަމަވެސް މިހާރު ކަރިމްބެމެންނަށް މިކަން ނުކުރެވޭނެކަން ކަށަވަރުވީ ހިނދު ކަރީމްބެ ސަލާމް ބުނެފައި ގެއަށް ހިނގައްޖެއެވެ. އިސްތިއުފާދެއްވާފައެވެ.