ށ. ފުނަދޫ ފެރީ ޓާމިނަލް ހެދުމުގެ މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެކުންފުނީން ބުނެފައިވަނީ މިއީ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ފެރީ ނިޒާމުގެ ޒޯން 1 ގައި ހިމެނޭ މަޝްރޫޢެއް ކަމަށެވެ.

މި ފެރީ ޓާމިނަލުގައި ޓަކް ފިހާރަ، ކޮމާރޝަލް ސަރަޙައްދު، ޕޭރަންޓް ރޫމް، ލަގެޖް ބަހައްޓާ ތަން، ޔުނިވަރސަލް ޓޮއިލެޓެއް ހިމެނެއެވެ

"ރާއްޖެ ޓްރާންސްޕޯޓް ލިންކް" ސަރުކާރުން މަސައްކަތް ކުރަނީ އަންނަ އަހަރުގެ ނިޔަލަށް މުޅިރާއްޖެ ވަށައިޖެހޭ ފެރީގެ ނިޒާމެއް ގާއިމް ކުރުމަށެވެ. އެމްޓީސީސީން މިހާރުވަނީ ފުރަތަމަ ފިޔަވަހީގެދަށުން ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅުގެ ރަށްރަށަށް ފެރީގެ ނިޒާމް ތައާރަފް ކޮށްފައެވެ. އޭގެ އިތުރުން އިތުރު އަތޮޅުތަކަށް ސްޕީޑް ފެރީގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެމްޓީސީސީން ވަނީ 65 ސްޕީޑް ފެރީ ބަނުމަށް ކުންފުންޏަކާ ހަވާލުކޮށްފައެވެ.