އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުލަތުން އުފުލި ހުރިހާ ދައުވާތަކަށް ވެސް އޭނާ މިއަދު ކްރިމިނަލް ކޯޓުގައި އިއުތިރާފުވެއްޖެއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެއްބާރުލުންދީ ކުށްތަކަށް އިއުތިރާފުވުމަށް ޒިޔަތު ވަނީ އެއްބަސްވުމެއް ހަދައިފައެވެ. އަދި ކޯޓުގައި މިއަދު ދައުވާތަކަށް އިއުތިރާފުވެފައި ވަނީ އެ އެއްބަސްވުމުގެ ދަށުންނެވެ.
ޒިޔަތުގެ މައްޗަށް އުފުލި ޚިޔާނާތުގެ 32 ދައުވާއަށް އޭނާ މިއަދު އިއުތިރާފުވީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު އޭނާވި އިއުތިރާފުގެ އެއްބަސްވުމުގެ ދަށުންނެވެ.
ޒިޔަތުގެ މައްޗަށް ހިޔާނާތުގެ ދައުވާކޮށްފައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އެމްއެމްޕީއާރްސީގެ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖަމާކުރި މައްސަލާގައެވެ.
ޒިޔަތު ވިދާޅުވަނީ އެއިން އެއްވެސް ފައިސާއެއް އޭނާއަށް ނުލިބޭ ކަމަށެވެ. އަދި ޗެކްތައް ހަވާލުކުރީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު ވިދާޅުވި ފަރާތަކާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ކޮންމެ ދައުވާއަކަށް ވަކިވަކިން އޭނާ ވަނީ މިއަދު އިއުތިރާފުވެފައެވެ. ޒިޔަތު ވިދާޅުވީ ދައުވާތަކަށް އިއުތިރާފުވީ އެއްވެސް މަޖުބޫރު ކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައި ކަމަށެވެ.
ދައުވާތަކަށް ޒިޔަތު އިއުތިރާފުވުމުން، އޭނާގެ މައްޗަށް އުފުލާފައިވާ 32 ދައުވާވެސް ސާބިތުވާކަމަށް މިއަދު ވަނީ ކަނޑައަޅައިފައެވެ.
އިއުތިރާފު އެއްބަސްވުމުގެ ދަށުން ދައުލަތުން އެދުނީ ޒިޔަތަށް ޖުމްލަ އަދަބެއްގެ ގޮތުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ.
މިހާރު ވެސް އަށް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޒިޔަތުގެ މައްޗަށް ހުކުމް އިއްވާނެ ވަކި ދުވަހެއް އަދި ނޭނގެއެވެ.