ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ދާއިރާ އިންތިޚާބުގެ ކެންޑިޑޭޓުންގެ ނަންތަކާއި ނަމްބަރުތައް މިއަދު އިއުލާން ކޮށްފިއެވެ. އަންނަ ނޮވެމްބަރު ފަހެއްގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ މި އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުސަތު އޮގަސްޓް ތިނެއްގައި ހުޅުވާލުމުން ގިނަ އަދަދެއްގެ އެޕްލިކޭޝަންތައް ވަނީ ލިބިފައެވެ.

މި އިންތިޚާބުގައި ވާދަކުރުމަށް 470 އެޕްލިކޭޝަން ފޯމު ލިބިފައިވާ ކަމަށް އިންތިޚާބާބެހޭ ކޮމިޓީގެ ޗެއާމަން ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވިއެވެ. އޭގެ ތެރެއިން އެކި ސަބަބުތަކާހެދި 11 އެޕްލިކޭޝަނެއް ބާތިލް ކުރަންޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 83 ދާއިރާއެއްގެ ރައީސް ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 126 އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ. 87 ދާއިރާގެ ނާއިބު ރައީސްގެ ކަމުގެ މަގާމަށް ހުޅުވާލި ފުރުސަތުގައި 78 ދާއިރާއަކުން 103 އެޕްލިކޭޝަން ލިބިފައިވެއެވެ. އަންހެނުންގެ ހަރަކާތުގެ ރަށްރަށުގެ ރައީސް ކަމަށް 87 ދާއިރާއިން 122 އެޕްލިކޭޝަން ފޯމް ލިބިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. ޒުވާނުންގެ ހަރަކާތުގެ ރަށުގެ ރައީސް ކަމަށް 87 ދާއިރާއިން 119 އެޕްލިކޭޝަން ފޯމް ލިބުނުކަމަށް ވެސް ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ 48 ދާއިރާއެއްގައި އިންތިޚާބު ބާއްވަން ޖެހޭކަމަށެވެ. ރަޝީދު ވިދާޅުވީ 34 ދާއިރާއިން ރައީސް ކަމަށް 77 ކެންޑިޑޭޓުން ކުރިމަތިލައިފައިވާ ކަމަށެވެ. 20 ދާއިރާއަކުން ނާއިބު ރައީސް ކަމަށް 44 ކެންޑިޑޭޓުން ކުރިމަތިލައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަންހެނުންގެ ހަރަކާތުގެ ރަށުގެ ރައީސް ކަމަށް 5 ރަށަކުންނާއި 7 ދާއިރާއަކުން 26 ކެންޑިޑޭޓުން ކުރިމަތިލައިފައިވެއެވެ. ޒުވާނުންގެ ހަރަކާތުގެ ރަށުގެ ރައީސް ކަމަށް 7 ރަށަކުންނާއި 4 ދާއިރާއަކުން 23 ކެންޑިޑޭޓުން ހޮވާނޭ ކަމަށް ވެސް ރަޝީދު ވިދާޅުވިއެވެ.