އިނގިރޭސީން 1976 ވަނަ އަހަރު އައްޑޫން ފައިބައިގެން ދިޔައީ ވަސީލަތްތައް ހުރި އައްޑޫއެއް އެ އަތޮޅުގެ ރައްޔިތުންނާ ހަވާލުކޮށްފައެވެ. އެއީ ގިނަގުނަ ތަކެއްޗާއި، ވަސީލަތްތަކާއިއެކު އޮޕަރޭޝަނަލް ކޮށް އައްޑޫއެކެވެ. ހުނަރުވެރި އެތައް ދަރިންނެއް އައްޑޫގައި އުފައްދައިފައެވެ. ރަނގަޅު ފެންވަރުގެ ބައިނަލް އަގުވާމީ ވައިގެ ބަނދަރަކާއި، ކަނޑުގެ ބަނދަރަކާއި މުވާސަލާތީ ހިދުމަތާއި، ހަސްފަތާލާއި، ކިޔަވައިދޭ ތަންތަނާއި ރަނގަޅު ފެންވަރުގެ މަގުތަކާއެކު ރަށްތައް ގުޅުވައިލި ކޯޒުވޭތަކެވެ. ވިޔާފާރީގެ މުއާމަލާތްތައް ހިންގޭނެ މަގުތަކާއި، މުދައު ރާއްޖެއިން ބޭރުން ގެނެވޭނެ ގޮތާއި ތަނަވަސް ކަން އުފައްދަވައިފައެވެ.

މިއަދު ސަރުކާރުން އައްޑު އަކީ ލައަބިލިޓީ އެއް ކަމުގައި ދުށްކަމަށްވިޔަސް އައްޑު އަކީ އޭރުވެސް މިހާރުވެސް އެސެޓެކެވެ. އިންތިހާބު ކައިރިވުމުން މިކަން މާރަނގަޅަށް ފެނިގެން ދެއެވެ. އައްޑޫ ގަމުގައި ހުރި ފުރުސަތު ތައް ބޭނުންވިޔަ ނުދީ މާލެއިން މީހުން އައްޑުއަށް އައިސް އައްޑޫގައި އިނގިރޭސީން ދޫކޮށްފައި ދިޔަ ހުރިހާ ތަކެއްޗެއް އައްޑޫއިން ގެންދިޔައީ މާލެއަށެވެ. ބުނެވޭ ގޮތުގައި އައްޑު އިން ގެންދިޔަ ބައެއް ތަކެތި މާލޭގައި ނީލަން ކިޔައި ނުއަގުގައި ވިއްކާލާފައި ވެއެވެ. ބާކީ އޮތީ ތަޅުން ގަނޑުތަކެވެ. ތަޅުންގަނޑުތައް އައްޑޫ މީހުންގެ ތެރެއިން ބޭނުން ބަޔަކަށް ތަޅައިގެން ނެގުމަށް ދިނީއެވެ. ރަންވޭ ތަޅައިލައިގެން މާލެ ނުގެންދިޔަކަން ނަސީބެވެ.

ބަރާބަރަށް ހިންގޭ ހާލަތުގައި އޮތް އެއަރޕޯޓު ގައި ހުރި ތެޔޮ ތާނގީތައް ކަފައިގެން ނަގައި މާލެ ގެންދިޔަ ސަރުކާރުން އައްޑޫ ގެ އަގުބޮޑު އިންފްރާސްޓްރަކްޗަރސް ތައް ވީރާނާވާން ދޫކޮށްލުމަށްފަހު ސަރުކާރު ތަކުން ގަމާއި އައްޑޫ ބޭނުން ކުރަމުން ދިޔައީ އެވަގުތަކަށް ވެރީން ބޭނުންވާ މާއްދީ ނުވަތަ ސިޔާސީ މަންފާ ތަކެއް ހާސިލް ކުރުމަށެވެ. އެއްދުވަސް ވަރެއްގައި މާލޭ ވަޒީރުންނަށް ޖިޒީ ދައްކާ ގޮތަށް ބޭރުބަޔަކަށް ފެކްޓަރީ ހިންގަން ދިނީއެވެ. އަނެއް ދުވަސްވަރެއްގައި މާލެ ވަޒީރުންނާއި އެމީހުންގެ ދަރިންނަށް ކާންދޭން ދަނޑުވެރިކަން ކުރުވީއެވެ. ރުއްއަރުވައި ހަކުރު އުފެއްދީއެވެ. ތަރުކާރީއާއި މޭވާ، ކާއްޓާއި ދިވެހި ހަކުރު ގަވާއިދުން ވަޒީރުގެ ގެއަށް ފޮނުވާގޮތަށެވެ. މިއަދު އައްޑޫ އަކީ މާލޭގައި އުފެދޭ ސަރުކާރުތަކަށް ލަޔަބިލިޓީ އަކަށް ވެފައިވާއިރުވެސް ސީދާ އެވެރިންގެ ކޮންޓްރޯލް ނޯންނަ ގޮތަށް އެއްކަމެއް ވާކަށް ނޯވެއެވެ.

އައްޑޫ އެއަރޕޯރޓް ގެ ކަންކަމުގައި އައްޑޫ ކައުންސިލަކަށް ނުވަތަ ރައްޔަތަކަށް އެއްވެސް ބަހެއް ކިޔޭނެ ގޮތެއް ނެތް އިރު މާލެ އެއަރޕޯރޓް ކުންފުންޏާއި މާލެ އެސްޓީއޯ އަކީ އައްޑު އެއަރޕޯރޓްގެ ޝެއަރ ހޯލްޑަރސް ކަން ފާހަގަ ކުރަންޖެހެއެވެ. އައްޑޫގައި އޮންނަ އިންޓަނޭޝަނަލް ސީޕޯޓަކީ މާލެ ސަރުކާރަށް ކުރިމަތި ވެފައި އޮތް އަނެއް ބުރައެވެ. އަނެއް ލަޔަބިލިޓީ އެވެ. މާލޭ އިންޓަނޭޝަނަލް ސީޕޯޓް ( އެމް ޕީ އެލް ) އިން ހިންގާ އެމީހުންގެ ބޮލުގައި އެޅިފައި އޮތް ބޮޑު އުނދަގުލެކެވެ. އައްޑޫގައި މިފަދަ ބަނދަރެއް ހިންގޭނެ ބަޔަކު ނެތީތޯއެވެ. އައްޑޫ ގެ މި ބަނދަރަށް އިންވެސްޓްމަންޓެއް ނުލިބެންޖެހޭ ސަބަބެއް ނެތެވެ. މި ބަނދަރު ދަރަނި ވެރިވެގެން ނުހިންގިގެން ބޮޑު ބުރައަކަށް ވެފައި އޮތް އިރުވެސް މާލެ ސަރުކާރަށް އައްޑޫ ރައްޔިތުންނަށް މި ބަނދަރުގެ ހިއްސާ އެއް ނުވަތަ އައްޑޫ ރައްޔިތަކަށް މި ބަނދަރުގެ ކަމަކާއި ބަހެއް ބުނުމުގެ ފުރުސަތެއް ދޭކަށް ބޭނުމެއް ނުވިއެވެ.

އައްޑޫގައި ރިސޯޓު ނެތީއެވެ. އެއްމެ ރަނގަޅެވެ. އައްޑޫ ވިލިގިލި ރިސޯޓެއް ހެދުމަށް މާލެ ސަރުކާރުން 30 އަހަރު ހޭދަ ކުރީއެވެ. ކޮންމެ އިންތިހާބަކަށް ރިސޯޓްގެ ވާހަކަ ދައްކައެވެ. ވިލިގިލި ހުޅުވީ ސަރުކާރުގެ %30 ހިއްސާ ހިމެނޭ ގޮތަށެވެ. ރަނގަޅު ފެންވަރުގެ ހިދުމަތް ދެވޭ ގިނަ ދިވެހީންނަށް ވަޒީފާ ލިބޭނެ މަގަށް ރިސޯޓް ހިންގަން އެޅޭނެ ބާރެއް ނެތީ ހެއްޔެވެ. އައްޑޫގެ ކައުންސިލަށް ނުވަތަ އައްޑޫގެ ރައްޔިތަކަށް ސަރުކާރުގެ %30 ޕަސަންޓުގެ ތެރެއިން ބަހެއް ބުނެލަން ފުރުސަތެއް ދެވޭކަށް ނެތީއެވެ. އެބަހެއްވެސް ބުނާނީ މާލެ މީހުންނެވެ.

ހަންކެޑެ ރިސޯޓަކަށް ހަދަން މަސައްކަތް ނުކުރާ ސަރުކާރެއް ނެތެވެ. މައުމޫނުގެ ވެރިކަމުގެ ފަހުކޮޅު ފެންސް ޖަހާ މޮކަޕް ރޫމް ހަދައި ދެންމެ ދެންމެ ހުޅުވަފާނެ ހެން ހީވިޔެވެ. އައްޑޫގެ ފަޅުރަށްތަކުގެ ބެލެނިވެރިންނަކީ މާލެ ސަރުކާރެވެ. ގަމުގެ ބޮޑު ސިންގާ ސަރަހައްދެއް ސިފައިންގެ ބޭނުމަށް ނަގައި އެ އަގު ބޮޑުބިމުގައި އައްޑޫ ރައްޔަތަކަށް ކައުންސިލަކަށް ހޭވެސް ނުބުނެވޭގޮތަށް ބަންދުކޮށް ފުޓްބޯޅަ ދަނޑު ހަދައި ކުޅެނީއެވެ. މުލިކެޑެ ދިން ބަޔަކަށް ދިނީއެވެ. ހީވަނީ ނަހަދަން ޝަރުތު ކުރުވާފައި ދެނީ ހެންނެވެ. ސަވާހިލި އާއި ދިގި ހެރަ ފޭދޫއާއި އެއްކޮށްނުލުމަށް އައްޑޫ ކައުންސިލުން އެދި އެދި ތިއްބާ ރަށުގެ ތެރެއަށް ލީއެވެ. އައްޑުގައި ބޮޑެތި ހުސްބިންތައް އެބަހުއްޓެވެ. ހުޅުމީދުގައި ހުސްބިން އެބައޮތެވެ. ހިތަދޫ އާއި ގުޅިފައި އޮތް ބިންތަކުގައި ހުސްބިން އެބައޮތެވެ. ޓުވަރިޒަމްގެ މަސައްކަތް ކުރެވިދާނެއެވެ. މާލެއިން ނޫން ގޮތަކަށް އެއްކަމެއް ނުވާގޮތަށް ސިޔާސަތުތައް ރާވާފައި އޮތީ ގަސްތުގައެވެ. ދެން އޮތް ތަނެއް ވީއްޔާ ހިމާޔަތް ކުރީއެވެ.

އައްޑޫ އަށް އިވެންޓް ޓުއަރިޒަމް ނުވަތަ ކޮންވެންޝަން ޓުވަރިޒަމް ގެނައުމުގެ ބޭނުމުގައި އެޅި އައްޑު އެކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރ ގަސްތުގައި ވީރާނާ ވުމަށް ދޫކޮށްލާ ކޮންވެންޝަން ސެންޓަރ އެންމެ ފަހުން ރޫޅާލާ ހުރިހާ ސާމާނެއް އުކާލާ ހޮސްޕިޓަލަކަށް ބަދަލު ކުރީއެވެ. ހުވަދޫ ތިބިފަދަ ރަށްތަކެއް ނެތަސް ކޮންވެންޝަން ނުވަތަ އިވެންޓް ޓުވަރިޒަމް އަކީވެސް ދުނިޔޭގެ ކަންކޮޅުތަކުގައި ގިނަ ބަޔަކު ތަޖްރިބާ ކޮށްފައިވާ މިވަގުތު ވެސް ތަޖްރިބާ ކުރަމުންދާ ކާމިޔާބު ޓުވަރިޒަމެކެވެ. ކޮންވެންޝަން ސެންޓަރާއި އެކު އެ އުއްމީދުވެސް ރައްޔަތުން ދޫކޮށްލައިފިއެވެ.

ދިވެހި ރާއްޖޭގެ ފުރަތަމަ ޓުރާންސިޓް ހޮޓާ ހިންގީ ގަމުގައެވެ. މި ތަނުގައި ހިދުމަތް ދިނުމަށް އައްޑޫ މީހުން ތިއްބެވެ. ގަމުގައި ހުންނަ އީކުއޭޓަރ ވިލެޖަކީ އިނގިރޭސި އޮފިސަރުން ބޭނުން ކުރި ތަނެކެވެ. ދިވެހި ރާއްޖޭގެ ފުރަތަމަ ހޮސްޕިޓަލިޓީ ދާއިރާގެ ޓުރެއިންޑް މީހުން އުފެދުނީ އައްޑޫގައެވެ. އިނގިރޭސިން ފޭބުމުން ގަން ލޫޓުވައިގެން މާލެ ގެންގޮސް މާލެ އެއަރޕޯޓް ހަދައި މާލެ ކައިރިޔަށް ޓުވަރިޒަމް ގެނެސް އެތަން ތަނުގައި ހިދުމަތް ދިނުމަށް ދިޔައީ އައްޑޫ މީހުންނެވެ. އިތުރު މީހުން ޓުރެއިން ކުރީވެސް އައްޑޫ މީހުންނެވެ. ގަމުގެ އެއަރޕޯޓަށް ކޮންމެވެސް ކަމެއް ކޮށްލިނަމަ މިސަރަހައްދަށްވެސް ކޮންމެވެސް ކަމެއް ވީސްތާއެވެ.

އައްޑު އަށް ދަތުރު ކުރެވޭނީ ސަރުކާރު ކުންފުނިން އޮޕަރޭޓް ކުރާ ފުލައިޓަށް އެކަނި ކަމަށް ސިޔާސަތު އެކަށައަޅައި އޮބި އަޅައިގެން އިންތިހާ އަށް ބޮޑު އަގު ނަގައިގެން ދަތުރު ކުރަމުން އެދަނީއެވެ. ޓުއަރިސްޓެއް ކީއްކުރަންތޯއެވެ. ދިވެއްސަކަށް ވެސް ދާން ކެތްނުވާ ފަދަ ބޮޑެތި އަގުތައް ނަގައިގެން ދަތުރު ކުރަނީއެވެ. ކޮމްޕެޓިޝަނަކަށް ޖާގައެއް ނެތެވެ. އައްޑު އަށް ބޭރު މީހަކު ( ޓުވަރިސްޓަކު) އަންނަ ކަމަށް ވާނަމަ ދެވަނަ ދަތުރެއް ނުކުރާނެ ވަރުގެ ނުވަތަ އެހެން މީހަކަށް ރެކޮމަންޑް ނުކުރާނެ ވަރުގެ ބޮޑު އަގު ނަގައިގެން ދަތުރު ކުރަމުން އެދަނީއެވެ. އެއްކޮޅުން އެވެނި ވަރަކަށް އެނދު ނެތި އެއަރލައިނެއް އޮޕަރޭޓް ނުކުރެވޭނެ ކަމަށާއި އެއަރޕޯޓް ތަރައްޤީ ނުކުރެވޭނެ ކަމަށް ބުނާނެއެވެ. އަނެއް ކޮޅުން ރަނގަޅު އެއަރޕޯޓެއް ނެތި ޓުވަރިޒަމްއަށް އިންވެސްޓް ކުރުމުގެ ރިސްކު ބޮޑު ކަމަށް ބުނާނެއެވެ. ރައްޔިތުންނަށް އޮތީ ވޯޓް ދިނުމެވެ.

މިއީ 21 ވަނަ ގަރުނެވެ. މިއަދު ކަނޑުފޭރޭ މީހުން ޤައުމު ތަކަށް އަރައި ޤައުމުތައް ހިފަމުން ނުދެއެވެ. އަދި ނަވާރަސަތޭކަ ފަންސާހުގެ އަހަރުތަކުގައި މީހުން އަމަލު ކުރިހެން އަމަލް ކުރާނެ ކަމަށް ދެކޭކަށް ނުވާނެއެވެ. އޭރު ސަރުކާރު ތަކުން ހަނޑޫ ކޮޅެއް ނުދީގެން ނުވަތަ ދެކުނުގެ ވިޔަފާރިވެރިން ކޮޅުނބަށް ނުވަތަ ސޫތުކުޅިއަށް ގެންދާ މަސް ކޮޅު މާލެ ދިއުމަށް ފަހު ޖިޒީ ދެއްކުމަށް ފަހު ނޫނީ ނުގެންދެވޭ ގޮތަށް ހެދުމަކުން ނުވަތަ މަސްކޮޅަށް ލިބޭ ފައިސާ މާލޭ ސަރުކާރުގެ ކުންފުންޏަށް ނަގައި އެފައިސާ ކޮޅުވެސް ދޫނުކޮށް އަދިވެސް އެތަކެއް ދުއްތުރާ ތަކެއް ކުރަމުން ދިޔަ އިރު ކަންތައް ކުރިހެން އެހެން ސަރުކާރެއް ހަދާފާނެ ކަމަށް ސަރުކާރުން ވިސްނާކަށް ނުވާނެއެވެ. އެހެން ކަމުން ރޭވުންތެރިކަމާއެކު އައްޑު ރައްޔަތުންނާއި ހުވަދޫ އަދި ފުވައްމުލަކުގެ ރައްޔަތުން ޖައްސާ ފިތުނަވެރި ކުރުވާ ސަރަހައްދީ ތަރައްޤީއަށް ހުރަސް އެޅޭފަދަ މޭރުމުން މަސައްކަތް ކުރާނެ ބޭނުމެއް ނެތެވެ. މި ސަރަހައްދުގެ ރައްޔަތުންނަކީ އާއިލީ ގޮތުނާއި، ވިޔަފާރީގެ ގޮތުނާއި އަދި އިގްތިސާދީގޮތުން ގުޅި ލާމެހިފައިވާ ބައެކެވެ. އެކުވެރިކަމަކީ ގަދަފަދަ ބާރެކެވެ. ވަކިވެގަތުމަކީ ނިކަމެތި ކަމެކެވެ. ޑިވައިޑް އެންޑް ރޫލް ސިޔާސަތަކީ މާ އިހުގެ ސިޔާސަތެކެވެ.