އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ރ. އަނގޮޅިތީމް، ކަނީރުމާގޭ މުސްތަފާ ހަމީދު ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވައިފިއެވެ.

މުޞްޠަފާ ޙަމީދު ކުރިން އަދާ ކުރައްވަމުން ގެންދަވާފައި ވަނީ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިންވެސްޓިގޭޓަރގެ މަޤާމެވެ. އޭނާ މިމަގާމް އަދާ ކުރައްވަން ފަށްޓަވާފައިވަނީ 2021 ވަނަ އަހަރުން ފެށިގެންނެވެ.

މުސްތަފާ މިހާރު ގެންދަވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ޖުޑީޝަލް ސައިންސް އެންޑް އިސްލާމިކް ޝަރީޢާ ޕޮލިސީގެ ދާއިރާއިން މާސްޓަރސް ސަނަދަށް ކިޔަވާވިދާޅުވަމުން ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. މީގެ ކުރީން އޭނާ ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ޝަރީޢާ އެންޑް ލޯގެ ދާއިރާއިން ބެޗެލަރސް ސަނަދު ހާސިލު ކުރައްވާފައެވެ.

މީގެ އިތުރުން، ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ދާއިރާއިން މުޞްޠަފާ ޙަމީދު ވަނީ ތަމްރީނު ފުރިހަމަ ކުރައްވާފައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.