ބޯހިމެނުމުން އެއްކުރެވޭ މަޢުލޫމާތުތަކަކީ ރާއްޖެ ތަރައްގީކުރާއިރު ބޭނުންހިފޭނެ މުހިންމު މަޢުލޫމާތުތަކެއް ކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އޭގެ ސަބަބުން ރާއްޖޭގެ އެކިކަންކޮޅުތަކަށް އެންމެ ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހުޅުމާލޭގައި ހުންނަ "ބޯހިމެނުން 2022" ގެ މަސައްކަތް ކުރިއަށްދާ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގައި މަސައްކަތްކުރައްވާ ފަރާތްތަކާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު މިއަދު ވިދާޅުވީ ބޯހިމެނުމުގެ މަސައްކަތުން ލިބޭ މަޢުލޫމާތުން ރާއްޖޭގެ ދުރު މުސްތަޤްބަލަށް ގިނަ ކަންކަން ރޭވުމަށް ފަސޭހަތަކެއް ލިބޭނޭ ކަމަށެވެ. އޭގެ ސަބަބުން ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށްވެސް މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ބޯހިމެނުމުގެ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވާ ފަރާތްތަކުން ކުރައްވާ މަސައްކަތް ފާހަގަކުރައްވާ އެމަނިކުފާނު މިއަދު ވަނީ އެ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. ބޯހިމެނުމުގެ އަމަލީ މަސައްކަތުގައި ދަރުމަވެރިންގޮތުގައި ގިނައިން މަސައްކަތްކުރައްވަނީ ޒުވާނުންކަމަށާއި މި މަސައްކަތުން ލިބޭ ތަޖްރިބާއަކީ އެ ބޭފުޅުންގެ މުސްތަޤްބަލަށް ލިބޭ މުހިންމު ތަޖްރިބާއެއްކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

ބޯހިމެނުމުގެ މަސައްކަތްތައް މިހާރު ކުރިއަށްގޮސްފައިވާ މިންވަރަށް ބެއްލެވުމަށްފަހު އެދުވަހެއްގެ ޓާގެޓަށް މަސައްކަތްތައް ކުރިއަށްދާކަމަށް ވެސް ނާއިިބު ރައީސް ވިދާޅުވިއެވެ. އެކަމުންދޭހަވަނީ ރައްޔިތުން ބޯހިމެނުމުގެ މަސައްކަތަށް އެއްބާރުލުން ދެއްވަމުންދާކަންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ވަނީ ބޯހިމެނުމުގެ މަސައްކަތަކީ ޤައުމީ މަސައްކަތެއްކަން ފާހަގަކުރައްވާ އެމަސައްކަތް ކުރިއަށްގެންދިއުމުގައި ކޮންމެ ރައްޔިތެއްވެސް އެބާރުލުންދެއްވުމުގެ މުހިންމުކަމަށް ވެސް ވިދާޅުވެފައެވެ.