ފުލުހުންގެ މުދަލަށް ގެއްލުންދީ ރޯކޮށްލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލައެއްގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެ ދެ މީހުންނަކީ އައްޑޫ ސިޓީ ހިތަދޫގައި ހަރަކާތްތެރިވާ ގުރޫޕަކަށް ނިސްބަތްވާ ދެ މީހުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ދެ މީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކޯޓު އަމުރެއް ހޯދައިގެންނެވެ. އެ މީހުންނަކީ އުމުރުން 21 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެކެވެ. ދެ މީހުންނަކީ ވެސް ދިވެހީންނެވެ. އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ސެޕްޓެމްބަރ 20 ވަނަ ދުވަހު އެވެ.

މި މައްސަަލަ މެދުވެރިވި ސަބަބެއް ކަމަށް ފުލުހުން ވިދާޅުވެފައިވަނީ އައްޑޫ ސިޓީގައި އަމާންވެއްޓެއް ގާއިމް ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ސެޕްޓެމްބަރ 19 ވަނަ ދުވަހު ހިތަދޫގައި ލައިސެންސް ނެތި ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯ ކުރަން އުޅުމުގެ ތެރޭގައި އެވަގުތު އެތަނުގައި ހަރަކާތްތެރިވި ފުލުހުންނަށް އިންޒާރު ދިނުމުންނެވެ.

ފުލުހުންނަށް އިންޒާރުދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި މިހާރު ދަނީ ހިތަދޫ ޕޮލިސް ސްޓޭޝަން އިން ތަހްޤީޤް ކުރަމުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.