ށ. މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަޝްރޫޢުގެ ދަށުން، 29.013,59 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 48.3245 ސަރަޙައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 362 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 105 މީޓަރު ގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 312 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 90.1508 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

މާއުނގޫދޫ ބަނދަރު ތަރައްޤީ ކޮށް ނިމުމުން، ލަފާފުރުމުގެ ދަތިކަން ހައްލުވެގެންދާނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. މި މަޝްރޫޢަކީ 71.59 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

އެރަށަކީ ދަނޑުވެރިކަމާއި ކަންނެލީގެ މަސްވެރި ކަމަށް މަޝްހޫރު ރަށެކެވެ. އެހެން ކަމުން ބަނދަރުގެ ދަތިކަން ހައްލުވުމުން، އިޤްތިސާދީ ފައިދާ ވެސް އެރަށަށް ލިބިގެންދާނެއެވެ.

މި މަސައްކަތް ފެށުމަށް މާއުނގޫދޫ ގައި ބޭއްވި މި ރަސްމިއްޔާތުގައި ފުނަދޫ ދާއިރާގެ މަޖްލިސް މެމްބަރު މުޙައްމަދު ޝާހިދާއި، މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަލީމާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމާއި، އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަ ޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ