ޔުއެފާ ނޭޝަންސް ލީގުގައި ކުރިއަށް އޮތް ދެމެޗަށް ނެގި އިނގިރޭސި ސްކޮޑުގައި ކެޕްޓަން ޖޯޑަން ހެންޑަސަން އެންމެފަހުން ހިމަނައިފިއެވެ.

އިންގްލެންޑުން އަންނަ ހުކުރު ދުވަހާއި ހޯމަ ދުވަހު، އިޓަލީ އާއި ޖަރުމަނާ ދެކޮޅަށް ނޭޝަންސް ލީގުގައި ކުޅެން ޖެހޭ މެޗަށް ނެގި ސްކޮޑުގައި އަނިޔާގެ ސަބަބުން ހެންޑަސަން ފުރަތަމަ ނުހިމަނައެވެ. އެކަމަކު އޭނާގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއިން މިހާރު މުޅިން ރަގަނޅު ވެފައިވާ ކަމަށް އިނގިރޭސި ގައުމީ ޓީމުން ވަނީ ބުނެފައެވެ. ހެންޑަސަން ސްކޮޑުގައި ހިމެނީ މެންޗެސްޓަރ ސިޓީގެ ޑިފެންސިވް މިޑްފީލްޑަރު ކެވިން ޕްރިންސްގެ ކޮނޑު ހުޅުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ބާކީ ކުރުމަށްފަހުއެވެ.

އިނގިރޭސި ގައުމީ ޓީމަށް 69 މެޗް ކުޅެދީފައިވާ ހެންޑަސަންއަށް އަނިޔާވީ ޕްރިމިއަރ ލީގުގައި އޮގަސްޓް 31 ވަނަ ދުވަހު ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅެނިކޮށެވެ. އޭގެފަހުން ލިވަޕޫލުން ކުޅުނު 3 މެޗުގައިވެސް އޭނާ ކުޅެފައެއް ނުވެއެވެ. އިނގިރޭސި ގައުމީ ޓީމުގައި ހިމެނިގެން މިއަހަރު ހެންޑަސަން ކުޅެފައި ވަނީ އެންމެ މެޗެކެވެ. އެއީ ވެމްބްލީ ސްޓޭޑިއަމްގައި މިއަހަރު މާރިޗް މަހު ސްވިޓްޒަލޭންޑް އަތުން 2-1 އިން އިނގިރޭސިން މޮޅުވި މެޗުގައެވެ.

ޔުއެފާ ނޭޝަންސް ލީގުގައި އިންގްލެންޑާއި ޖަރުމަނާއި އިޓަލީ ހިމެނޭ ގްރޫޕް "އޭ 3" ގެ އެއްވަނައިގައި 7 ޕޮއިންޓާއެކު އޮތީ ހަންގޭރީއެވެ. ދެވަނައިގައި 6 ޕޮއިންޓާއެކު އޮތީ ޖަރުމަނެވެ. އެއްޕޮއިންޓް ފަހަތުން 3 ވަނައިގައި އިޓަލީ އޮތްއިރު ގްރޫޕް ފުލުގައި އިންގްލެންޑް އޮތީ 2 ޕޮއިންޓާއެކުއެވެ.