އިނގިރޭސިން ޕާކިސްތާން ފަސްގަނޑުގައި ސަތާރަ އަހަރު ތެރޭގައި ކުޅުނު ފުރަތަމަ ކްރިކެޓް މެޗުން 6 ވިކެޓުން ޕާކިސްތާން ބަލިކޮށް ތާރިހީ ކާމިޔާބެއް ރޭ ހޯދައިފިއެވެ.
ވިހި ވިކެޓަށް (ޓީ-20) ކުޅުނު މިމެޗުގައި އިނގިރޭސި ޓީމުގެ ތަރިންނަށް ވެގެންދިޔައީ 53 ލަނޑު ހެދި އެލެކްސް ހޭލްސް އާއި އިނގިރޭސި ގައުމީ ޓީމަށް މުޅިން އަލަށް ކުޅުނު ހުނަރުވެރި ބޯވްލަރ ލޫކް ވޫޑެވެ. ދަނޑު ބޭރުން ދިމާވި މައްސަލަތަކަކާ ހުރެ 2019 ވަނަ އަހަރުން ފެށިގެން އިނގިރޭސި ޓީމުން ބާކީ ކޮށްފައި ހުރި ހޭލްސް އެނބުރި އައިސް މޮޅު ކުޅުމެއް ދެއްކުނީތީ ވަރަށް ބޮޑަށް ފަޚްރުވެރިވާކަމަށް އޭނާ ވަނީ ބުނެފައެވެ. އަނެއްކޮޅުން ބޯވްލަރ ލޫކް ވުޑް ވަނީ 6 އޯވަރު ތެރޭގައި ޕާކިސްތާނުގެ 3 ކުޅުންތެރިން ނުބައި ކޮށްފައެވެ. މި 6 އޯވަރު ތެރޭގައި ޕާކިސްތާނަށް ހެދުނީ 24 ލަނޑެވެ.
ޕާކިސްތާނުން ކުޅެން އަރައި ވިހި އޯވަރު ތެރޭގައި 7 ކުޅުންތެރިން ނުބައިވެގެން ހެދުނީ 158 ލަނޑެވެ. ޕާކިސްތާނުން އެންމެ ރަނގަޅަށް ކުޅުނީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި ބެޓްސްމަން ރިޒްވާންއެވެ. އޭނާ ވަނީ 68 ލަނޑު ހެދިއިރު ދެވަނައަށް އެންމެ ރަނގަޅަށް ކުޅުނީ 31 ލަނޑު ޖެދި ކެޕްޓަން ބާބާ އަޒާމްއެވެ.
ޖަވާބުގައި ކުޅެން އަރައި އިނގިރޭސިން މެޗް ކާމިޔާބު ކުރީ 19.2 އޯވަރު ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން 160 ލަނޑު ހަދައިގެންނެވެ. އިންގްލެންޑުން އެންމެ ރަނގަޅަށް ކުޅުނު ހޭލްސް 53 ލަނޑު ހެދީ 40 ބޯޅައިންނެވެ. މީގެ ތެރޭގައި އޭނާ ވަނީ 4 ފަހަރު ހަތަކަށް ޖަހާފައެވެ.
މިދެގައުމު ބައްދަލު ކުރާ އެކުވެރިކަމުގެ ސީރީޒްގެ ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުއެވެ.