ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް އޭޑީކޭ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ތަޢުރީފު ކުރައްވައިފިއެވެ. އެ މަނިކުފާނު ވިދާޅުވީ ޑޮކްޓަރުންނަށް ސްކޮލަރޝިޕްތައް ދިނުމާއި، މުވައްޒަފުން ތަމްރީން ކުރުމަށް އެހޮސްޕިޓަލުން ކުރާ މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ ކަންކަމަށެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ، "މޯލްޑިވްސް ބްރައިން އެންޑް ސްޕައިން ކޮންފަރެންސް 2022" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމުގައި ޕްރައިވެޓް ސެކްޓަރއިން އަދާކުރާ ދައުރު ވަރަށް މުހިއްމު ކަމަށް ވެސް ވިދާޅުވެފައެވެ. އެހެން ކަމުން ސިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމަކީ، ޤައުމު ބިނާކުރުމަށް ކުރެވޭ މުހިއްމު މަސައްކަތަކަށް ވާނޭ ކަމަށާއި، ސިއްޙީ ޚިދުމަތް ދޭ އަމިއްލަ ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ސަރުކާރުގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ދެއްވާނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މަތީ ތަޢުލީމް ހާޞިލްކުރުމަށް ސަރުކާރުން ދެމުން އަންނަ ސްކޮލަޝިޕްތަކުގައި މިހާރުވެސް މެޑިސިންގެ ދާއިރާއިން 70 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރުކާރުން ކުރިޔަށް ގެންދާ ހިލޭ ޑިގްރީ ޕްރޮގްރާމްގައި މިހާތަނަށް 15000 ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ ކަމަށާއި އޭގެ ތެރޭގައި ނަރުސްކަން ކިޔަވަމުންދާ 800 ވުރެ ގިނަ ދަރިވަރުން ހިމެނޭކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އޭޑީކޭ ހޮސްޕިޓަލުން އަލަށް ފެށުމަށް ތައްޔާރުވަމުން އަންނަ ޚިދުމަތްތަކާބެހޭ ގޮތުން ވެސް ވާހަކަަފުޅު ދައްކަވަައިފައެވެ. ރާއްޖޭގެ ސިއްޙީދާއިރާ ތަރައްޤީކުރުމުގައި އޭޑީކޭ ހޮސްޕިޓަލުން ބައިވެރިވެ، ކުރަމުންދާ މަސައްކަތްތަކަށް އެހޮސްޕިޓަލްގެ މެނޭޖްމަންޓާއި ސްޓާފުންނަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ގެންދަވަނީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ސިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުން ކަމަށެވެ. އެގޮތުން އައްޑޫ ސިޓީގައި ހުންނަ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ވަރަށް އަވަހަށް ކެތުލެބެއް ހުޅުވިގެންދާނޭ ކަމަށް ވެސް ވިދާޅުވިއެވެ.
އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ބާއްވާ، "މޯލްޑިވްސް ބްރައިން އެންޑް ސްޕައިން ކޮންފަރެންސް 2022" ކުރިޔަށްދަނީ، ސެޕްޓެމްބަރު 19 އިން 22 އަށް ކްރޮސްރޯޑްސް މޯލްޑިވުސްގައެވެ. މިއީ 2017 ވަނަ އަހަރު ފެށި މިސިލްސިލާގެ 4 ވަނަ ކޮންފަރެންސެވެ.