ރާއްޖޭގެކަނޑުގެ ސަރަޙައްދުގައި ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ 2020 ނޮވެންބަރު 30 ވަނަ ދުވަހު ކ.މާފުށިގެ އިރުން 140 ނޯޓިކަލް މޭލުން، ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް ފެނިފައިވާކަމަށެވެ.

އެވަގުތު އެ ސަރަޙައްދުގައި މަސްވެރިކަން ކުރަމުން ދިޔަ "އަސުރުމާ 03" ދޯނިން ވަނީ އިއްޔެގެ 11:45 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑަށް އެކަން ރިޕޯރޓް ކުރުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަނުގައި ކޯސްޓްގާޑު ޑޯނިއާ ފްލައިޓްވަނީ ވައިގެ މަގުން މަސްބޯޓު އޮތް ސަރަޙައްދު ދެނެގަނެފައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ބޯޓު އަތުލައިގަނެވިފައިވަނީ އިންޑިއާއިން ރީފިޓުގެ މަސައްކަތް ނިންމައި ރާއްޖެއަށް ދަތުރު ކުރުމުން ދިޔަ ކޯސްޓްގާޑު ޝިޕް ހުރަވީ ގެ ބެލުމުގެ ދަށަށް ގެނެސްގެން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.