ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައިވެސް ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ، "މޯލްޑިވްސް ބްރައިން އެންޑް ސްޕައިން ކޮންފަރެންސް 2022" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދުޅަހެޔޮ ސިއްޙަތަކަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރަންޖެހޭ ކަމަށެވެ. އެކަމަށް މުޖުމަޢުން އެއްބާރުން ދެއްވުމަށް އެމަނިކުފާނު ވަނީ ރައްޔިތުންނަށް ގޮވާލައްވައިފައެވެ.

ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މެދުވެރިވާ ހާދިސާތައް މަދުކުރެވި އާއްމު ސިއްޙަތަށް ހެޔޮބަދަލެއް ގެނައުމަކީ، މުޖުތަމަޢުގެ އެންމެން ގުޅިގެން މަސައްކަތް ކުރާނަމަ ހާޞިލްކުރަން އުނދަގޫކަމެއް ނޫންކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި މައްސަލައަކީ މީގެ އަހަރުތަކެއް ކުރީން ފެށިގެން ވެސް ސިއްހީދާއިރާގެ މީހުން ކަންބޮޑުވުން ފާޅުކުރަމުން އައިސްފައިވާ ކަމެކެވެ.

އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ބާއްވާ، "މޯލްޑިވްސް ބްރައިން އެންޑް ސްޕައިން ކޮންފަރެންސް 2022" ކުރިޔަށްދަނީ، ސެޕްޓެމްބަރު 19 އިން 22 އަށް ކްރޮސްރޯޑްސް މޯލްޑިވުސްގައެވެ. މިއީ 2017 ވަނަ އަހަރު ފެށި މިސިލްސިލާގެ 4 ވަނަ ކޮންފަރެންސެވެ.