ޅ. ނައިފަރުގެ ކަރަންޓު ހާލަތު ރަނގަޅު ކުރުމައްޓަކައި އެރަށުގެ އިންޖީނުގޭގައި 1000 ކވ ގެ ޖެނެރޭޓަރ ސެޓެއް ބަހައްޓައި ނިމިފައިވާ ކަމަށް ފެނަކައިން ބުނެފިއެވެ. އެކުންފުނީން ބުނެފައިވަނީ އެ ޖެންސެޓުން މިހާރުވަނީ އެ ރަށުގެ ރައްޔިތުންނަށް ޚިދުމަތްދޭން ފަށައިފައި ކަމަށެވެ.

ފެނަކައިން ގެންދަނީ ރަށްރަށުގެ ކަރަންޓުގެ ފެންވަރު ރަނގަޅު ކުރުމަށް ތަފާތު މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ކުރީގެ އިންޖީނުގެތައް މީހުން ދިރިއުޅޭ ސަރަހައްދުން ނަގައި މީހުންނަށް އުނދަގޫނުވާނޭ ސަރަހައްދުތަކަށް ބަދަލުކޮށް ޒަމާނީ އިންޖީންގެތައް އަޅައި ޚިދުމަތް ދިނުން ހިމެނެއެވެ.

އެގޮތުން މިހާތަނަށް އެކުންފުނީން ވަނީ އެތައް ރަށެއްގެ ގެދަބުޅި އިންޖީނުގެތައް ނިއްވާލައި ޒަމާނާ އެކަށީގެންވާ އިންޖީނުގެތަކެއް އަޅައިފައެވެ. އޭގެ ސަބަބުން ރައްޔިތުންނަށް މިހާރުވަނީ އެތައް ލުޔަކާއި ފަސޭހައެއް ލިބިފައެވެ.