ބައިނަލްއަގުވާމީ ރަހްމަތްތެރިކަމުގެ ސީރީޒްގެ ފުރަތަމަ މެޗުގައި، މެޗުތައް އިންތިޒާމް ކުރާ ބުރުނާއީ ދާރުއްސަލާމްގެ މައްޗަށް ފަސޭހަ ކަމާއެކު 3-0 އިން ރާއްޖެ މިއަދު ކުރި ހޯދައފިއެވެ.
ދުނިޔޭގެ ރޭންކިންގެ އެންމެ ފުލުގައި އޮތް 10 ގައުމުގެ ތެރޭގައި ހިމެނޭ ބްރޫނާއީ ދެކޮޅަށް ރާއްޖެއިން ނެރުނީ ވަރަށް ޒުވާން ފުރަތަމަ އެގާރައެކެވެ.
ގައުމީ ޓީމުގެ އެއްވަނަ ކީޕަރު މުހައްމަދު ފައިސަލްގެ ބަދަލުގައި ގޯލް ބެލެހެއްޓީ ޓީމުގެ ދެވަނަ ކީޕަރު ހުސައިން ޝަރީފެވެ. މިއީ ސީނިއާ ގައުމީ ޓީމުގެ ފުރަތަމަ 11 ގައި ހިމެނިގެން އޭނާ ކުޅެން ނުކުތް ދެވަނަ މެޗެވެ. ޝަރީފް ސީނިއަރ ގައުމީ ޓީމަށް ފުރަތަމަ މެޗެއް ކުޅެދީފައި ވަނީ 2018 ވަނަ އަހަރު މެލޭޝިޔާއާ ދެކޮޅަށެވެ. މީގެ އިތުރުން ޒުވާން ޑިފެންޑަރު އަހްނަފް ރަޝީދު (އަހުއްކޮ) އަށްވެސް ކޯޗް އިޓަލީގެ މޮރިއޭރޯ ވަނީ ފުރަތަމަ އެގާރައިން ފުރުސަތު ދީފައެވެ.
ރާއްޖެއިން ފުރަތަމަ ލަނޑު ޖެހީ 35 ވަނަ މިނެޓުގައެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ އިއްބެއެވެ. ފުރަތަމަ ހާފް ނިމުނީ މިނަތީޖާގައި އޮވެގެންނެވެ. ދެވަނަ ހާފް ފަށައިގެން މާގިނައިރުތަކެއް ނުވެ ނަތީޖާ ހަމަހަމަ ކުރަން ބުރުނާއީ ރަނުގެ ފުރުސަތެއް ލިބުނެވެ. ރާއްޖޭގެ އޭރިއާ ރޮނުގު މަތިން ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި) ބުރުނާއީގެ ކުޅުންތެރިޔަކަށް ފައުލު ކުރުމުން ބުރުނާއީއަށް ލިބުނު ޕެނަލްޓީ ދިޔައީ ދަނޑިމަތިން ބޭރަށެވެ. ރާއްޖެއިން ލީޑް ފުޅާ ކުރީ 73 ވަނަ މިނެޓުުގައި ހަމްޒާ މުހައްމަދު (ހަމްޕް) ކާމިޔާބު ކުރި ހިލޭ ޖެހުމަކުންނެވެ. ރާއްޖޭގެ ތިންވަނަ ލަނޑު ޖެހީ ދެވަނަ ހާފުގެ އިތުރު ވަގުތުގައި ހަސަން ރާއިފް އަހްމަދު (ހަންނަ) އެވެ.
އެކުވެރިކަމުގެ މިސީރީޒް މެޗުތަކުގައި ބްރޫނާއިން ދައުވަތު ދައުތު ދީފައި ވަނީ ރާއްޖޭގެ އިތުރުން ލާއޯސްއަށެވެ. ލާއޯސްއަކީ ފީފާ ރޭންކިންގެ 183 ވަނައިގައި އޮތް އޭޝިޔާގެ ފުޓްބޯޅައިގެ ބަލިކަށި ގައުމެކެވެ.
ރާއްޖެއިން އެކުވެރިކަމުގެ މެޗުތައް ކުޅުމުގައި އޭޝިޔާގެ މެދުފަންތީގެ ގައުމަތަކާ ކުޅުމުގެ ބަދަލުގައި އެންމެ ދަށް ގައުމަތަކާ ކުޅޭތީ ގިނަބައެއްގެ ފާޑުކިޔުން އެފްއޭއެމްއަށް ވަނީ އަމާޒުވެފައެވެ.