އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރުގެ ނަންބަރު ބޯޑު، ޤަވާއިދާ އެއްގޮތަށް ބޭނުންނުކުރާ ފަރާތްތަކާ ދެކޮޅަށް އޮކްޓޯބަރު އެއްވަނަ ދުވަހުން ފެށިގެން ފިޔަވަޅު އަޅަން ފަށާނޭ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން މިއަދު ވިދާޅުވެފައިވަނީ އެދުވަހާ ހަމައަށް އެފަދަ މީހުންނަށް ނަސޭހަތްތެރިވަމުން ގެންދާނޭ ކަމަށެވެ.

މި ފިޔަވަޅު މިގޮތަށް އަޅަން ފުލުހުން ނިންމެވީ އުޅަނދުފަބަރުގެ ނަންބަރު ބޯޑު، ޤަވާއިދާ އެއްގޮތަށް ބޭނުންކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އެންގުމާ ގުޅިގެން ކަމަށެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ ބައެއް އުޅަނދުފަހަރުގައި ހަރުކޮށްފައި ހުންނަ ނަންބަރު ބޯޑު ހަދާފައި ހުންނަނީ އެއްގަމު ދަތުރު ފަތުރުގެ ގާނޫނުން ބާރުލިބިގެން އެކުލަވާލާފައިވާ "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު" ގެ 8 ވަނަ މާއްދާ އާއި 9 ވަނަ މާއްދާގައިވާ ފަދައިން ނޫން ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލްއޭވިއޭޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެކަން ފާހަގަ ވުމުން އެމިނިސްޓްރީން ވަނީ މިހިނގާ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އެކަން ރަނގަޅު ކުރުމަށް އިއުލާނެއް ވެސް ނެރެފައެވެ.