ވިލިމާލޭ މުހިއްޔުއްދީން ސްކޫލުގެ ދަރިވަރުން ވިލިމާލޭގައި ހުންނަ އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް މިއަދު ޒިޔާރަތްކޮށްފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. މި ޒިޔާރަތަކީ ސްކޫލުގެ ތިމާވެށި ފިލާވަޅުގެ ކަރިކިޔުލަމްގައި ހިމެނޭ "ޕްލާންޓްސް އެންޑް ހެބިޓްސް" ފިލާވަޅާ ބެހޭ މަޢުލޫމާތު ހޯދުމަށް ކުރި ޒިޔާރަތެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ޒިޔާރަތުގައި، މުހިއްޔުއްދީން ސްކޫލުގެ ގުރޭޑު 3 ގެ 75 ދަރިވަރުން ބައިވެރިވެފައިވެއެވެ. އެ ދަރިވަރުންނަށް އެމްއާރުސީސީގެ ފަރާތުން ވަނީ، އެތަނުގެ ބަގީޗާގައި ހައްދާފައިވާ ގަސްގަހާގެއްސާ ބެހޭ މަޢުލޫމާތު ފޯރުކޮށްދީފައެވެ. އަދި، ޕްލާންޓޭޝަންއާ ބެހޭގޮތުންނާއި ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމު ކަމާ ބެހޭގޮތުން ވެސް ދަރިވަރުންނަށް މަޢުލޫމާތު ދީފައިވާ ކަމަށް ވިދާޅުވިއެވެ. އެމްއާރުސީސީއާ ގުޅޭ މަޢުލޫމާތު ވެސް ވަނީ ދަރިވަރުންނާ ހިއްސާކޮށްފައެވެ.

މުހިއްދީން ސްކޫލުގެ ބައެއް ޓީޗަރުންވެސް ވަނީ މި ޒިޔާރަތުގައި ބައިވެރިވެފައެވެ. އެމްއާރުސީސީގެ ފަރާތުން މަޢުލޫމާތު ދެއްވީ އެމްއާރުސީސީގައި މަސައްކަތް ކުރާ ސިފައިންނެވެ.