ކުރީން މިފްކޯއިން ހިންގަމުންއައި 14 އައިސް ޕްލާންޓެއް ފެނަކައާ މިއަދު ހަވާލުކޮށްފިއެވެ.

މަސްވެރީންނަށް އައިސް ފޯރުކޮށްދިނުމަށް މިފްކޯއިން ކުރިން ހިންގަމުން އައި މި އައިސްޕްލާންޓުތައް ފެނަކައާ ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި ފެނަކަ އޮފީހުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ފެނަކައާ ހަވާލުކޮށްފައިވަނީ 13 ޕްލާންޓެވެ. އޭގެ އިތުރުން ފ. ފީއަލީގެ އައިސްޕްލާންޓުވެސް މިއަދުގެ ވަަގުތެއްގައި ހަވާލުކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ހަސަނާއި، ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރާއި، ފެނަކަ ކުންފުނީގެ ސީއީއޯ އަހުމަދު ސައީދު މުހައްމަދާއި، މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީއާއި އެސްޓީއޯގެ ސީއީއޯ ޙުސައިން އަމްރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިކަމާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ ސީއީއޯ އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ އެ ކުންފުނިން މިއަދު ހަވާލުވި 14 އައިސްޕްލާންޓު މެދުވެރިކޮށް މަސްވެރީންނަށް ބޭނުންވާ އައިސް ފޯރުކޮށްދެއްވާނޭ ކަމުގެ ޔަގީންކަން އަރުވާކަމަށެވެ. "އެއީ އެއިން ޕްލާންޓެއް ނުހުއްޓި އޮޕަރޭޓު ކުރެވޭނޭ ހުރިހާގޮތެއް އަޅުގަނޑުމެން ހޯދާނަން، އައީ ކަށަވަރު ކަމަކީ،" ސައީދު ވިދާޅުވިއެވެ.

މިފްކޯ އިން ފެނަކަޔަށް ހިންގުން ބަދަލުކުރާ 13 އައިސް ޕްލާންޓް:

  1. ހއ.އިހަވަންދޫ
  2. ނ.ޅޮހި
  3. ރ.އަލިފުށި
  4. ބ.ތުޅާދޫ
  5. ފ.ނިލަންދޫ
  6. ތ.ހިރިލަންދޫ
  7. ގއ.ދާންދޫ
  8. ގއ.ދެއްވަދޫ
  9. ގއ.ގެމަނަފުށި
  10. ގއ.ކޮލަމާފުށި
  11. ގދ.ފިޔޯރީ
  12. ގދ.ފަރެސްމާތޮޑާ
  13. ސ.ހިތަދޫ