ފެނަކައިން ތައްޔާރުކޮށްފައިވާ "ފެނަކަ އައިސް" އެޕްލިކޭޝަން މިއަދު އިފްތިތާހު ކޮށްފިއެވެ. މި އެޕް އިފްތިތާހު ކޮށްފައިވަނީ މިފްކޯއިން ހިންގަމުންއައި 13 އައިސް ޕްލާންޓެެއް ފެނަކައާ ހަވާލު ކުރުމަށް އެކުންފުނީގެ މައި އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް މަސްވެރިންނަށް އައިސް "ޕްރީ އޯޑަރ" ކުރެވޭނެއެވެ. މިކަމުގެ ސަބަބުން މަސްވެރިންނަށް ބޭނުންވާ އައިސް ވަގުތުން ވަގުތަށް ލިބި، އައިސް ނުލިބިގެން މަސްވެރިންނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނޭ ކަމަށް ފެނަކަ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވިއެވެ.

މި ޚިދުމަތް ދުވަހުން ދުވަހަށް ދިނުމުގައި ރައްޔިތުނަނަށް އެންމެ އިންސާފުވެރިކޮށް ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ކިއު ސިސްޓަމް މެދުވެރިކޮށް ނަންބަރު ދޫކުރެވި އަދި ނަންބަރު ތަރުތީބުން އައިސް ދޫކުރެވިގެންދާނޭ ކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އައިސް ދޫކުރުމުގައި ވަކި ދޯންޏަކަށް ވަކި ގޮތެއް ހެދުމެއް ނޯންނާނޭ ކަމަަށާއި އެންމެނަށް ވެސް އިންސާފުވެރި ކަމާއެކު ޚިދުމަތް ދެއްވާނޭ ކަމަށެވެ.

މި ތޭރަ އައިސް ޕްލާންޓާ ފެނަކައިން ހަވާލުވީ އެތަނުގައި މިހާރުވެސްތިބި މުވައްޒަފުންނާ އެކުގައި ކަމަށެވެ. އެކުންފުނީން ހަވާލުވީ ވަރަށް ދުވަސްވެފައިވާ ޕްލާންޓުތަކާ ކަމަށާއި އެހެންކަމުން އެތަންތަނުގައި ކުރަންޖެހޭ މަރާމާތު ވެެސް އެބަހުރި ކަމަށް ވިދާޅުވިއެވެ. އެ އައިސްޕްލާންޓުތައް އެންމެ ރަނގަޅަށް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ވެސް ކުރައްވަމުން ގެންދަވާނޭ ކަމަށް ސައީދު ވިދާޅުވިއެވެ.