މިސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުވުމަށްފަހު މިހާތަނަށް ތިން ބިލިއަން ރުފިޔާގެ އިންވެސްޓުމެންޓު ރައްޔިތުންނަށްޓަކައި ކުރެވިފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.
މިފްކޯއިން ކުރިން ހިންގަމުންދިޔަ 14 އައިސްޕްލާންޓެއް ފެނަކައާ ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ މިސަރުކާރުން ފެނަކައާ ހަވާލުވިއިރު އެތަނުގެ ދަރަނި 1.4 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. އެހެނަސް ކެޕިޓަލް އިންވެސްޓްމެންޓުގެ ގޮތުގައި އެއްބިލިއަން ރުފިޔާވެސް އޭރު ކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް އެ ދަރަނި ދައްކަމުން ދިވެހި ރައްޔިތުންނަށް ބޭނުންވެފައިވާ އަސާސީ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި "ތިން ބިލިއަން ރުފިޔާގެ އިންވެސްޓްމެންޓް ރައްޔިތުންނަށްޓަކާ ކުރެވިއްޖެ،" ކަމަށް އެމްޑީ ވިދާޅުވިއެވެ. ކުރީގެ ދަރަންޏާއެކު އެކުންފުނީގެ ދަރަނި އިތުރުވެފައިވަނީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ހުއްޖަތެއްނޫން ރާއްޖޭގެ ރައްޔިތުން އެހާލުގައި ބައިތިއްބައިގެން، ފައިސާ ނެތޭ ފައިސާ ހޯދައިގެންނޭ ކަންކަން ކޮށްދެވޭނީ ބުނުން. އެފައިސާ ހޯދޭ ދުވަހެއްނާދޭ،" ސައީދު ވިދާޅުވިއެވެ. އެކުންފުނީން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދޭން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސައީދު ވިދާޅުވީ މި ސަރުކާރުން އެކުންފުންޏާ ހަވާލުވިއިރު ހުރި ދަރަންޏާއެކު ދަރަނީގެ ފަސްދޮޅަސް އިންސައްތަ އެކުންފުނީން މިހާރު ވަނީ ދައްކައިފައި ކަމަށެވެ.
ކޮރަޕްޝަންގެ ތުހުމަތު ފެނަކައަށް ބައެއް ފަރާތްތަކުން ކުރަމުންދާތީ އޭނާ ވިދާޅުވީ މި ސަރުކާރުން ވެސް އަދި ފެނަކައިން ވެސް އެފަދަ ކަންކަމަށް ތަރުހީބުދޭނޭ ކަމަށެވެ.
އެފަދަ ތުހުމަތު ކުރަމުންދާ ފަރާތްތަކަށް އެއްވެސް ސާބިތު ހެއްކެއް ނުވަތަ ހުއްޖަތެއް ދެއްކިފައި ނުވާކަމަށާއި ނުވެސް ދެއްކޭނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އެއްވެސް ކަހަލަ ކޮރަޕްޝަންގެ އަމަލެއް ހިންގުމުގެ ފުރުސަތެއް ފެނަކައިގައި ނޯންނާނޭ ކަމަށެވެ.