ބޮޑު ތިލަދުންްމައްޗަށް މިސަރުކާރުން މިގެންނަނީ ބޮޑު ބަދަލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސް ޕަރސަން މިޢްވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުންކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކަށް މަޢުލޫމާތު ޙިއްޞާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ މިސަރުކާރުން، ބޮޑު ތިލަދުންމަތީގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގަމުންދާ ކަމަށެވެ. އެގޮތުން އާރްޓީއެލްގެ ފެރީނިޒާމާ އެކު ބޮޑުތިލަދުންމަތި ދަތުރުފަތުރުން ގުޅާލެވިފައިވާ ކަމަށް ވިދާޅުވިއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢުތަކާއި ތިލަދުންމަތީގެ ރަށްރަށުގެ ފެނާއި ނަރުދަމާ ޤާއިމް ކުރުމުގެ މަޝްރޫއުތަކާއި އެނޫންވެސް ޢުމްރާނީ ތަރައްޤީގެ އެތައް ގިނަ މަޝްރޫޢުތަކެއް އެސަރަހައްދުގައި ހިނގަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ތިލަދުންމަތީގެ ތަރައްޤީއާއި ގުޅިފައިވާ އެންމެ ބޮޑު އެއް މަޝްރޫޢުކަމުގައިވާ، ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި އަންނަ ހަފްތާގެ އާދިއްތަ ދުވަހު ސޮއިކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިޢްވާން ވިދާޅުވީ، ދިވެހިންގެ ޖަޒީރާ ދިރިއުޅުމަށް ދިވެހިން އެނބުރި ދިޔުމަށް ކުރަމުންދާ މަސައްކަތުގައި، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ކޮންމެ ރަށެއްގައިވެސް އަސާސީ ޚިދުމަތްތައް ޤާއިމްކުރައްވައި، އެހެން ރަށްރަށަށް ދަތުރުކުރެވޭނެ ފަސޭހަ ނިޒާމެއް ޤާއިމްކޮށް، ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތަކެއް ހަމަޖެެއްސެވުމަށް ކަމަށެވެ. އަދި މިމަސައްކަތުގައި ބޮޑު ތިލަދުންމަތި ވެގެންދާނީ، ނަމޫނާ ސަރަހައްދަކަށް ކަމުގައިވެސް މިޢްވާން ވިދާޅުވިއެވެ.