ގަން އިންޓަރނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސްތިބި ބަޔަކު، އެމީހުންއަތުގައި ބޮމެއް އޮތްކަމަށް ބުނުމުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ 58 އަހަރުގެ ދިވެހި އަންހެނަކާއި 61 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހަވީރު 5:25 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައުލޫމާތު ލިބުމުން ފުލުހުންވަނީ އެމްއެންޑީއެފަށް މައުލޫމާތު ހިއްސާކޮށްފައެވެ. މައުލޫމާތު ދިނުމުން އެމްއެންޑީއެފުން ވަނީ މި މައްސަލަ ބަލާ ތަހުގީގު ކޮށްފައެވެ. އެހެނަސް އެފަދަ އެއްޗެއް އެމީހުންގެ އަތުން ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ. ފުލުހުން މިހާރުވަނީ މި މައްސަލަ ތަހުގީގުކުރަން ފަށައިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުންގެ އަތުގައި ބޮމެއް އޮތްކަމަށް ބުނެފައިވަނީ ސަމާސާއަކަށެވެ.