ފެނަކައިން ރަށްރަށުގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއަށް، މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތް އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވުމާގުޅިގެން، ޒަމާނީ ޓެކްނޯލޮގީގެ އެހީގައި މަސްވެރިންނަށް ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ މަގުފަހިކުރުމުގެ މަސައްކަތް ފެނަކައިން ފަށައިފި ކަމަށް އެކުންފުނީން ވިދާޅުވެއްޖެއެވެ.

އެގޮތުން މިއަދު މިފްކޯގެ 14 އައިސްޕްލާންޓް ވަނީ ފެނަކައާ ޙަވާލުކޮށްފައެވެ. އެއާއެކު ފެނަކައިން ވަނީ "ފެނަކަ އައިސް" އޮންލައިން ޚިދުމަތް ވެސް ވަނީ ތަޢާރަފް ކޮށްފައެވެ.

މި ޚިދުމަތް މެދުވެރިކޮށް:

  • މަސްވެރިންނަށް ފަސޭހަކަމާއެކު ފޯން ނަންބަރ ބޭނުންކޮށްގެން ލޮގްއިން ކުރެވޭނެ.

  • ލޮގިން ކުރުމަށްފަހު އައިސް ބޭނުންވެލައްވާ ޢަދަދު ޖައްސަވައިގެން ޖުމްލަ އަގު ބަލާލެވޭނެ.

  • މަސްދަތުރަށް ތައްޔާރުވުމުގެގޮތުން ދުރާލާ، ބޭނުންވެލައްވާ ޕްލާންޓަކުން އައިސް ޕްރީއޯޑަރ ކުރެވޭނެ. އަދި އެއާއެކު އައިސް ލިބޭނެ ގަޑި އެނގޭނެ.

  • ޕްރީއޯޑަރ ކުރެއްވުމުން، އޯޑަރ ކުރެއްވި ޢަދަދާއި ޖުމްލަ އަގާއެކު ކޮންފަރމޭޝަން މެސެޖެއް ލިބިވަޑައިގަންނަވާނެ.

  • ކުރީގެ އޯޑަރތަކުގެ ތަފްސީލް ބަލާލެވޭނެއެވެ.

މިވަގުތު އައިސް ޕްލާންޓްތައް ހުރީ ޖުމްލަ 14 ރަށެއްގައެވެ. އެއީ ހއ.އިހަވަންދޫ، ނ.ޅޮހި، ރ.އަލިފުށި، ބ.ތުޅާދޫ، ފ.ނިލަންދޫ، ފ.ފީއަލި، ތ.ހިރިލަންދޫ، ގއ.ދާންދޫ، ގއ.ދެއްވަދޫ، ގއ.ގެމަނަފުށި، ގއ.ކޮލަމާފުށި، ގދ.ފިޔޯރީ، ގދ.ފަރެސްމާތޮޑާ އަދި ސ.ހިތަދޫ އެވެ.

މި ޚިދުމަތާއެކު، އައިސް ހޯދުމަށް މަސްވެރިން ހޭދަކުރަންޖެހޭ ވަގުތު ކުޑަކުރެވި، މިހާރަށްވުރެ އިތުބާރާއި ޔަޤީންކަމާއެކު އައިސް ލިބޭނެ މަގު ފަހިވެގެންދާނޭ ކަމަށް ވެސް ފެނަކައިން ވަނީ ބުނެފައެވެ. އަދި ޔަޤީންކަމެއްނެތި އައިސް ހޯދަން ކިއުގައި މަޑުކުރަންޖެހޭ ޖެހުމަށް ނިމުން ގެނެވި މަސްވެރިންނަށް އެކަމުން ބޮޑު ޚަރަދެއް ސަލާމަތް ކުރެވިގެން ދާނޭ ކަމަށް ވެސް ވިދާޅުވިއެވެ.