މިޓްސްބްޝީ އޭޝިއަން ޗިލްޑްރެންސް އެނިކީ ފެސްޓާ 2019-2020ގެ އެންމެ ޝަރަފްވެރި 'ގްރޯން ޕްރީ' އެވޯޑޫ އިބާ އާމިރު އަބްދުﷲއާ ހަވާލުކޮށްފިއެވެ.

މި އެވޯޑު އޭނާއާ ހަވާލުކޮށް ދެއްވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު އަލީ އެވެ. އިބާއަކީ އަރަބިއްޔާ ސްކޫލް ގްރޭޑު 6 ގައި ތަޢުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރެކެވެ. މި އެވޯޑު ހަވާލު ކުރެއްވުމަށްފަހު މިނިސްޓަރ ވަނީ އިބާއަށް މަރުހަބާ ވިދާޅުވެފައެވެ. ގްރޯން ޕްރީ އެވޯޑް އެހެން އަހަރުތަކުގައި ހަވާލުކުރަނީ ޖަޕާނުގައި ބޭއްވާ ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެހެން ނަމަވެސް ކޯވިޑް19ގެ މި ހާލަތުގެ ސަބަބުން މި އަހަރު މި އެވޯޑް ހާސިލްކުރި ދަރިވަރުންނަށް ޖަޕާނަށް ދިއުމުގެ ފުރުސަތު ލިބިފައިނުވެއެވެ.

ނޭޝަނަލް ފެޑެރޭޝަން އޮފް ޔުނެސްކޯ- ޖަޕާން އިން އިންތިޒާމުކޮށްގެން ބާއްވާ މި ޕްރޮގްރާމްގައި އޭޝިއާގެ 24 ޤައުމުން ބައިވެރިވި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ. މި މުބާރާތުގައި ބައިވެރިވާ ކޮންމެ ގައުމަކުންވެސް 1 ގްރޯންޕްރީ، 3 ޔުނެސްކޯ އެވޯޑް އަދި 4 އެކްސްލެންސް އެވޯޑް ލިބޭ ދަރިވަރުން ކަނޑައަޅަނީ އިންޓަރނޭޝަނަލް ސްކްރީނިންގައެވެ.

ރާއްޖެއިން އެވޯޑް ހާސިލްކުރި ދަރިވަރުން:

ގްރޯން ޕްރީ އެވޯޑް

- އިބާ އާމިރު އަބްދުﷲ - އަރަބިއްޔާ ސްކޫލް

ޔުނެސްކޯ އެވޯޑް

- އައިޝަތު މިޝީލް ބިންތި އިބްރާހިމް- މުހައްމަދު ޖަމާލުއްދީން ސްކޫލް / ފުވައްމުލައް ސިޓީ

- ފާތިމަތު ލައިޝާ މުހައްމަދު- ވަށަފަރު ސްކޫލް

- އިބްރާހިމް ޔޫސަމް ސާމިއު- މުހައްމަދު ޖަމާލުއްދީން ސްކޫލް / ފުވައްމުލައް ސިޓީ

އެކްސެލެންސް އެވޯޑް

- ޒެއިނާ އަމްޒަތު އަހުމަދު – ހުރަވީ ސްކޫލް

- އަބާން އާމިރު އަބްދުﷲ- މަޖީދިއްޔާ ސްކޫލް

- އައިޝަތު ދާނާ އިޔާޒް- މަޖީދިއްޔާ ސްކޫލް

- އައިމިނަތު ލައިބާ އިހުސާން- މުހައްމަދު ޖަމާލުއްދީން ސްކޫލް / ފުވައްމުލައް ސިޓީ

އުމުރުން 6 އާއި 12 ދެމެދުގެ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ފަރުމާ ކޮށްފައިވާ މި ޕްރޮގްރާމްގައި ދަރިވަރުން ހުށައަޅަން ޖެހެނީ ދަރިވަރުންގެ ދިރުއުޅުން ދައްކުވައިދޭ 5 ޑައިރީ/ކުރެހުމެވެ. ގްރޯން ޕްރީ އެވޯޑް ހާސިލް ކުރި އިބާ ހުށައެޅީ އިބާ އެންމެ ގަޔާވެގެން ކުރާ ކަންކަމެވެ. އޭގެ ތެރޭގައި މޫދަށް ދިއުމާއި، ކޮތަރަށް ކާންދިނުމާއި، އީދު ނަމާދަށް ދިއުމާއި، ޓިއުޝަނަށް ދިއުން ފަދަ ކޮންމެ ދުވަހަކުވެސް އިބާ ޝައުގުވެރިކަމާއެކު ކުރާ ކަންކަން ކަމުގައި އިބާގެ ބައްޕަ އާމިރު އަބްދުﷲ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ހިސާބުތަކުން 500 ދަރިވަރުން ބައިވެރިވެއެވެ.