އުތުރު މެރިޓައިމް ސަރވިސް (ޔޫއެމްއެސް) އިން ފޯރުކޮށްދޭ ވޯޓަރ ބަންކަރިންގ ޚިދުމަތަށް ބޭނުންވާ ފެން ބާޖް ތިލަދުންމަތި އުތުރުބުރީ ތުރާކުނުގައި ބޭއްވުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އާއި ތުރާކުނު ކައުންސިލްއާދެމެދު ފަހުމުނަމާއެއްގައި ސޮއިކޮށްފިއެވެ.
ތުރާކުނު ކައުންސިލްގެ އިދާރާގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ. އަދި ތުރާކުނު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ތުރާކުނު ކައުންސިލްގެ ރައީސް ޢަލީ އަބްދުއްލަތީފެވެ.
މި ފަހުމުނާމާގެ ދަށުން، އުތުރުގައި ވޯޓަރ ބަންކަރިންގ ޚިދުމަތް ދިނުމަށް އެމްޕީއެލް އިން ބޭނުންކުރާ ފެން ބާޖް ތުރާކުނުގައި ބޭއްވުމަށް ހަމަޖެހިގެންދާނެކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.
އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވީ ފެން ބާޖް ތުރާކުނުގައި ބާއްވައި، އެ ބާޖް ރީފިލް ކުރުމުގެ މަސައްކަތްވެސް ކުރާނީ ތުރާކުނުގައި ކަމަށެވެ. އަދި ވޯޓަރ ބަންކަރިންގ އަކީ ޔޫއެމްއެސްގެ ތެރެއިން ހުޅުވޭނެ އިތުރު މާކެޓެއް ކަމަށް ޤަބޫލްފުޅުކުރައްވާ ކަމަށެވެ.
"މިހާރުވެސް ގްރީކްގެ 14 ބޯޓު އޮޕަރޭޓްކުރާ ފަރާތަކުން އެބައޮތް ފެން ހޯދަން އެދިފައި. ލަސްތަކެއްނުވެ އެގޮތަށް އެ މަސައްކަތް ފަށާނެ. މި ދާއިރާގެ ތަޖުރިބާކާރުންވެސް ވިދާޅުވަނީ މިއީ ވަރަށް ބޮޑު މާކެޓެއް ހުޅުވިގެންދާނެ ކަމެއް ކަމަށް. އެގޮތަށް ލަފާކުރެވެނީވެސް،" ސީއީއޯ ވަޖީހް ވިދާޅުވިއެވެ.
ތުރާކުނު ކައުންސިލްގެ ރައީސް އަލީ ވިދާޅުވީ ފެނުގެ ބަންކަރިންގ އަކީ އުތުރުގައި ފޯރުކޮށްދޭ މެރިޓައިމްގެ ޚިދުމަތުގެ މުހިންމު ބައެއް ކަމަށެވެ. އަދި އުތުރުގައި މެރިޓައިމްގެ ޚިދުމަތް ދިނުމަށް އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތަށް ތައުރީފްކުރެއްވިއެވެ.
"މިއީ އުތުރުގައި ފޯރުކޮށްދޭ މެރިޓައިމް ޚިދުމަތްތަކުގެ ތެރެއިން ކުޑަ ކޮމްޕޯނަންޓަކަށްވިޔަސް، މުހިންމު ބައެއް. އުތުގައި މި މެރިޓައިމްގެ ޚިދުމަތްތައް ދިނުމަށް ސަރުކާރުން އަދި އެމްޕީއެލްއިން ކުރަމުންދާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދޭނަން،" އަލީ ވިދާޅުވިއެވެ.
ސީއީއޯ ވަޖީހް އަދި މެނޭޖްމަންޓްގެ ޓީމުން ވަނީ މިއަދު ތިލަދުންމަތި އުތުރުބުރީ މޮޅަދޫ ކައުންސިލްއާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުމުގައި އުތުރުގައި ފޯރުކޮށްދޭ މެރިޓައިމްގެ ޚިދުމަތްތަކުގެ ތެރެއިން މޮޅަދޫގައި ކުރިއަށް ގެންދެވިދާނެ ޚިދުމަތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.