ޔުއެފާ ނޭޝަންސް ލީގުގައި އޮސްޓްރިއާއާ ދެކޮޅަށް ރޭ ކުޅުނު އެކުވެރިކަމުގެ މެޗް 2-0 އިން ފްރާންސް ކާމިޔާބު ކުރިއިރު، އެންމެ ދޮށީ އުމުރުގައި ފްރާންސް ގައުމީ ޓީމަށް ލަނޑު ޖެހުމުގެ ޝަރަފް ފޯވާޑް އޮލިވަރ ޖިރޫއަށް ލިބިއްޖެއެވެ.
ފްރާންސް ގައުމީ ޓީމުގެ ރަސްމީ ދަނޑު "ސްޓޭޑި ފްރާންސް" ގައި ކުޅުނު މިމެޗުގައި ޖިރޫ ލަނޑު ޖެހީ 65 ވަނަ މިނެޓުގައި އެންޓޯނިއޯ ގްރީޒްމަން ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އޭގެ ދިހަ ވަރަކަށް މިނެޓް ކުރިން ޖިރޫ ތަނަވަސްކޮށްދިން ފުރުސަތަކުން ކިލިއަން އެމްބައްޕޭ ވަނީ ފްރާންސަށް ލީޑް ނަގައިދީފައެވެ.
ފްރާންްސް ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ އުމުރުން ދުވަސް ކުޅުންތެރިޔާގެ ރެކޯޑް އޮތީ މީގެ 63 އަހަރުން ކުރިން، 1959 ގައި ސްޕެއިން ކޮޅަށް ލަނޑު ޖެހި ޑިފެންޑަރު ރޮޖާ މާޗޭ އަތުގައެވެ. ސްޕެއިން ކޮޅަށް ލަނޑު ޖެހިއިރު އޭނާގެ އުމުރަކީ 35 އަހަރާއި 287 ދުވަހުއެވެ. އެއީ ގައުމީ ޖާޒީގައި ރޮޖާ ކާމިޔާބު ކުރި ހަމައެކަނި ލަނޑުވެސް މެއެވެ. އޮސްޓްރިއާ ކޮޅަށް ރޭ ޖިރޫ ލަނޑު ޖެހިއިރު އޭނާގެ އުމުރަކީ 35 އަހަރާއި 357 ދުވަހުއެވެ. މިރެކޯޑުގެ އިތުރުން، ފްރާންސް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް މުގުރާލުމަށް ޖިރޫއަށް މިހާރު ބޭނުން ވަނީ އެންމެ 2 ލަނޑެވެ. ފްރާންސް ގައުމ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް މިހާރު އޮތީ، 51 ލަނޑު ކާމިޔާބު ކޮށްދީފައިވާ ކުރީގެ މަޝްހޫރު ފޯވާޑް ތިއޮރީ އޮންރީ އަތުގައެވެ.
ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ނެދަލޭންޑްސްއިން ވަނީ 2-0 އިން ޕޮލެންޑް ބަލިކޮށްފައެވެ. ތުރުކީއާ 3-3 އިން އެއްވަރުކޮށް ލަގްޒަމްބާގުން ހައިރާން ކުރުވަނިވި ނަތީޖާއެއް ނެރުނުއިރު ބެލްޖިއަމް އަތުން ވޭލްސް ބަލިވީ 2-1 އިންނެވެ. ކްރޭޝިޔާ އަތުން ޑެންމާކުވެސް ބަލިވީ ހަމަ މިނަތީޖާއިންނެވެ. ޑެންމާކުގެ ލަނޑު ޖަހައިދިނީ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންކަން ފާހަގަ ކޮށްލެވެއެވެ.