އާޖެންޓީނާގެ ސްޕަރ ސްޓާރ ލިއޮނަލް މެސީ، ޕީއެސްޖީއާ ގުޅުމުގެ ސަބަބުން 700 މިލިޔަން ޔޫރޯ (688 މިލިޔަން ޑޮލަރު) އެކްލަބަށް ލިބިފައިވާ ކަމަށް ވިޔަފާރީގެ ހަބަރުތައް ގެނެސްދިނުމަށް މަޝްހޫރު "އެލް އިކްނޮމިސްޓާ" ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

"އެލް އިކްނޮމިސްޓާ" ގައި ބުނެފައި ވަނީ މެސީ ގެނައުމުގެ ޕީއެސްޖީއަށް ވިޔަފާރީގެ އިތުރު މަގުތައް ފަހިވެފައިވާ ކަމަށާއި ގިނަ ސްޕޮންސަރުންތަކެއް ލިބިފައިވާ ކަމަށެވެ. މެސީގެ ސަބަބުން ޕީއެސްޖީއަށް އަލަށް ލިބުނު ސްޕޮންސަރުންނަކީ ގޯޓް، ކްރިޕްޓޯ.ކޮމް، ޕްލޭބެޓްއާރު ، ސްމާޓް ގުޑްތިންގްސް، ވޮލްޓް، ސްޕޯޓްސް ވޯޓަރ، ބިގްހީރޯ ބިގްކޯލާ، ޑިއޯ، ގޮރިއްލާސްއެވެ.

ޕީއެސްޖީގެ ބިޒްނަސް ޑިރެކްޓަރ މާކް އާމްސްޓްރޯންގް "އެލް އިކްނޮމިސްޓާ" އަށް ދިން ބަސްދީގަތުމެއްގައި ބުނީ މެސީ، ޕީއެސްޖީއާ ގުޅުމުގެ ސަބަބުން ވިޔަފާރީގެ ޑިމާންޑް %40 އަށް އުފުލިފައިވާ ކަމަށެވެ. އަދި މިދިޔަ ސީޒަނުގައި ކްލަބަށް ލިބުނު މުޅި ޖުމްލަ ފައިދާ %13 އިތުރުވެފައިވާ ކަމަށެވެ.

ބާސެލޯނާއަށް ދިމާވި މާލީ މައްސަލަތަކުގެ ސަބުން، ބާސެލޯނާއަށް މެސީ ދޫކޮށްލަން މަޖުބޫރުވުމުން ޕީއެސްޖީއިން މެސީ ގެންދިޔައީ 2021 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައެވެ. މެސީ ދޫކޮށްލަން ޖެހުމުގެ ބާސެލޯނާއަށް މާލީ ގޮތުން ސީޒަނަކަށް 125 މިލިޔަން ޔޫރޯ ގެއްލުންވާނެ ކަމަށް އެކްލަބަށް ވަނީ ބުނެފައެވެ. ބާސެލޯނާއަށް ކުޅުނުއިރު މެސީގެ "މެސީ10" ޖާޒީ ބްރޭންޑުގެ މާކެޓް އަގަކީ 200 މިލިޔަން ޔޫރޯއެވެ. މެސީއާ ނުލައި ބާސެލޯނާ ހޭދަ ކުރި ފުރަތަމަ ސީޒަނުގައި (މިދިޔަ ސީޒަން) އެކްލަބުގެ ބްރޭންޑް ވެލިއު %11 ވަނީ ދަށަށް ގޮސްފައެވެ.

ޕީއެސްޖީއާއެކު މެސީ ކޮންޓްރެކްޓް ހެދީ ދެ އަހަރަށެވެ. ކޮންޓްރެކްޓުގައިވާ ގޮތުން ފުރަތަމަ އަހަރު މެސީއަށް ޕީއެސްޖީއިން ދޭނީ އަހަރަކަށް 30 މިލިޔަން ޔޫރޯއެވެ. ދެވަނަ އަހަރު ދޭނީ 40 މިލިޔަން ޔޫރޯއެވެ. ކޮންޓްރެކްޓް އާކުރަން ބޭނުންވާކަން ޕީއެސްޖީން ރަސްމީކޮށް މެސީއަށް އަންގާފައިވާއިރު ބާސެލޯނާއިން ދަނީ މެސީ އަނބުރައި ގެނައުމަށްވާން ޖެހޭ ތައްޔާރީތައް ވަމުންނެވެ.