ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ގުޅުވާ ރާއްޖޭގެ މީޑިއާގައި ފަތުރާފައިވާ ޚަބަރު އެ ކޯލިޝަނުން ދޮގުކޮށްފިއެވެ.

ރާއްޖޭގެ އޮންލައިން ބައެއް ނޫސްތަކުގައި ބުނެފައިވަނީ ޢަބްދުއްރަޙީމް ވަނީ ރައީސް ޔާމީނަށް ޣައްދާރުވެ ގާސިމް އިބްރާހީމްގެ އަތުން ފައިސާ ހޯދައިފައި ކަމަށެވެ. އޭގެ އިތުރުން ސަރުކާރުން ދޫކުރާ އެސްއެމްއީ ލޯން ވެސް އޭނާވަނީ ނަގާފައި ކަމަށެވެ. އެއަށްފަހު އޭނާ ގެންދަނީ އެފަރާތްތަކާ ގާތް ގުޅުމެއް ބާއްވަމުން ކަމަށް ވެސް ބުނެފައިވެއެވެ. އޭގެ އިތުރުން ޢަބްދުއްރަޙީމް މިހާރު ގެންދަވަނީ އޭނާގެ އަމިއްލަ ރަށުގައި ވިޔަފާރިއެއް ތަރައްގީ ކުރަމުން ކަމަށް ވެސް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ "މިކޯލިޝަންގެ ލީޑަރ، ޕީ.ޕީ.އެމް ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިތުބާރު ޢަބްދުއްރަޙީމް ޢަބްދުﷲ އަށް ގެއްލި ޕާޓީގެ މަސައްކަތްތަކުން އެކަހެރިކޮށްފައި ވާކަމަށް ބުނެ އެ ނޫހުގައި ލިޔެފައިވާ ޙަޤީޤަތާއި ޚިލާފު ވާހަކަތައް މިކޯލިޝަންގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ."

އެ ޕާޓީ އޮތީ ރައީސް ޢަބްދުﷲ ޔާމީން އާއެކު ވަރަށް ބަދަހިކޮށް ކަމަށާއި ޕާޓީގެ އެންމެ ބޮޑު އަމާޒަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީން އަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ސާބިތުކަމާއި ބަދަހިކަމާއެކު ކުރުން ކަމަށް ވެސް ބުނެފައިވެއެވެ.

"ކަންމިހެން އޮއްވާ، އެފަދަ ޙަޤީޤަތެއް ނެތް ބޭކާރު ވާހަކަތަކުން މިޕާޓިގެ ލީޑަރޝިޕް ބައިބައިކޮށް މިޕާޓީ ބަލިކޮށްލެވިދާނެކަމަށް ޤަބޫލުކުރެވޭނަމަ އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. މިވަގުތުވެސް ޕީ.އެން.ސީ ގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ހުންނެވީ ރައީސް ޔާމީންގެ ޚާއްޞަ މަސައްކަތްޕުޅެއްގައި ލ. އަތޮޅުގައެވެ."

ޙަޤީޤަތާއި ޚިލާފު ވާހަކަތައް ފަތުރާ ފިތުނަ އުފައްދަން މަސައްކަތް ކުރާ ފަރާތްތަކުން އެކުރަނީ ބޭކާރު އެއްވެސް ތާކުންތާކު ނުޖެހޭ މަސައްކަތެއް ކަމުގައި ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޙަޤީޤަތެއް ނެތް އެފަދަ ވާހަކަތަކުން ފިތުނަ އުފައްދަން މަސައްކަތް ކުރާ ނޫސްވެރިނާއި ނޫސް މަޖައްލާތައް ޖަވާބުދާރީ ކުރުވުމަށް އެކުލަވާލާފައިވާ މުއައްސަސާތަކުން، މިމައްސަލަ ބައްލަވާ ފިޔަވަޅު އެޅުއްވުމަށް ގޮވާލާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ނޫސްވެރިންވެސް ޒިންމާދާރުކަމާއެކު ޙަޤީޤަތާއި އެއްގޮތަށް ޚަބަރުތައް ރިޕޯޓު ކުރެއްވުމަކީ އެ ކޯލިޝަންގެ އިލްތިމާސެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.