އޭނާގެ ފުޓްބޯޅައިގެ ކެރިޔަރުގައި ފެނުނު އެންމެ މޮޅު 3 ކުޅުންތެރިންނަކީ ސައުތު އެމެެރިކާގެ ތިން ތަރިން ކަމުގައިވާ ލިއޮނަލް މެސީ އާއި ޑިއޭގޯ މަރަޑޯނާ އަދި ބްރެޒިލްގެ ރޮނާލްޑޯ ކަމަށް ކަމަށް އިޓަލީ އާއި އޭސީ މިލާނުގެ ކުރީގެ ކެޕްޓަން އަދި ދުނިޔޭގެ ފުޓްބޯޅައިގެ ތާރިހުގައި މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ އެއްޑިފެންޑަރު ޕައުލޯ މަލްޑީނީ ބުނެފިއެވެ.

ޗެމްޕިއަންސް ލީގް 5 ފަހަރު ކާމިޔާބު ކުރި މަލްޑީނީ މިހެން ބުނީ ބްރެޒިލްގެ ރޮނާލްޑޯއާ ގުޅޭ ގޮތުން ތައްޔާރު ކުރަމުން އަންނަ "ދި ފިނޯމެނަން" ޑޮކިއުމަންޓްރީއަށް ދިން އިންޓަވިއުއެއްގައެވެ.

ރޮނާލްޑޯ އަތުން ބޯޅަ އަތުލުމަށް މަލްޑީނީ މަސައްކަތް ކުރަނީ.

ޑޮކިއުމެންޓްރީގައި ސުވާލް ކޮށްފައި ވަނީ މަލްޑީނީއަށް މިހާތަނަށް ފެނުނު އެންމެ މޮޅު 3 ކުޅުންތެރިންނަކީ ކޮބައިތޯއެވެ. "އަހަރެންގެ ފުޓްބޯޅައިގެ ކެރިޔަރުގައި ފެނުނު އެންމެ މޮޅު ތިން ކުޅުންތެރިނަކީ މެސީ، މަރަޑޯނާ އަދި ރޮނާލްޑޯ ނަޒާރިއޯ" މަލްޑީނީ، 54، ބުންޏެވެ.

މިތިން ކުޅުންތެރިންގެ ތެރެއިން ރޮނާލްޑޯ ވަނީ ރޮނާލްޑޯއާއެކު އޭސީމިލާނުގައި އެއްކޮށް ކުޅެފައެވެ. އޭގެ ކުރިން އިންޓަމިލާނުގައި ރޮނާލްޑޯގެ އެންމެ ރަންދުވަސްވަރުގެ ކުޅުން ދައްކަމުން ދިޔައިރު މަލްޑީނީއަކީ އޭސީމިލާނުގެ ދިފާއީ މައިތަނބެވެ.

އަނެއްކޮޅުން މަރަޑޯނާގެ ހުނަރުން ނަޕޯލީ އިޓާލިއަން ލީގާއި ޔޫރަޕުގެ މުބާރާތްތަކުގައި އުދުހެމުން ދިޔަ ދުވަސްވަރަކީ އޭސީމިލާނާއެކު މަލްޑީނީ ފުޓްބޯޅައިގެ ދަނޑުގައި ފައިތިލަ ސާބިތު ކުރަމުން ދިޔަ ދުވަސްވަރެވެ. އެހެން ކަމުން މަރަޑޯނާ އަދި ރޮނާލްޑޯއާ ދެކޮޅަށް ކުޅެ އެދެކުޅުންތެރިންގެ ތޫނުފިލިކަން އެންމެ ރަނގަޅަށް ތަޖުރިބާކުރެވިފައި ހުންނާނެ އެއްކުޅުންތެރިޔަކަށް ވާނީ މަލްޑީނީއެވެ.

މަރަޑޯނާ އަތުން ބޯޅަ އަތުލުމަށް މަލްޑީނީ މަސައްކަތް ކުރަނީ.

މުޅި ކެރިޔަރު އޭސީ މިލާނުގައި ހޭދަކުރި މަލްޑީނީ ބާސެލޯނާ ދެކޮޅަށް ކުޅުނު އެންމެފަހު މެޗަކީ 2006 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގް ސެމީފައިނަލް ދެވަނަ ލެގެވެ. އެމެޗަށް ނުކުތްއިރު އުމުރުން އޭރު އެންމެ 18 އަހަރުގެ މެސީ ހުރީ އަނިޔާގައެވެ. މެޗުގެ ކުރިން ދިން އިންޓަވިއުއެއްގައި މަލްޑީނީ ބުނީ މެސީއާ ދެކޮޅަށް ކުޅެން ނުޖެހުމަކީ ނަސީބެއް ކަމަށެވެ.