...........................
ގުޅިފަޅަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުން، އެ ބަނދަރުގެ ޙަރަކާތްތައް ހަލުވިވެ، ޚިދުމަތްތައް އަވަސްވެގެންދާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ 36 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. "ގުޅިފަޅަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުން، ބަނދަރުގެ ޙަރަކާތްތައް ހަލުވިވެ، ޚިދުމަތްތައް އަވަސްވެގެންދާނެ. އަދި މާލެ ސަރަޙައްދުގައި ހުރި ބަނދަރުތަކާއި ގުދަންތައް ގުޅިފަޅަށް ބަދަލުކުރެވޭނެ. އަޅުގަނޑުމެން ގުޅިފަޅުގައި ބަނދަރު ތަރައްޤީކުރަނީ، މާލޭ ވިޔަފާރި ބަނދަރާއި، މާލޭ އުތުރު ބަނދަރާއި މާލޭގެ ދެކުނު ބަނދަރުގެ ޙަރަކާތްތަކަށްވެސް ޖާގަ ލިބޭ ވަރަށް" އެމަނިކުފާނު ވިދާޅުވިއެވެ.
ތިލަފުށީގައި މިހާރު ތަރައްޤީކުރަމުން އަންނަ ބަލްކު ޓާމިނަލް، މަޝްރޫޢު ނިމުމުން މިހާތަނަށް މާލޭގެ ވިޔަފާރި ބަނދަރުން ނުދޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެމް.ޕީ.އެލް އިން ތައްޔާރުވަމުންދާކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ހިލަޔާއި ހިލަވެލި އެތެރެކުރަން ބޭނުންވާ ވިޔަފާރިވެރިންނަށް ވެސް އަދި ޢާންމުންނަށް ވެސް ވަރަށް ބޮޑު ފަސޭހަތަކެއް ލިބޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ބަނދަރުތައް ތަރައްޤީކުރުމުން މާލޭގެ ތޮއްޖެހިފައިވާ އާބާދީގެ ތެރޭގައި ހިންގާ ސިނާޢީ ބޮޑެތި ޙަރަކާތްތައް މަދުވާނެކަމަށެވެ. މިހާރު މާލޭގައި ހިންގާ ބަނދަރުތަކުގެ ބިންތައް، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އެހެން ޚިދުމަތްތަކަށް ބޭނުންކުރެވޭނެ ގޮތްވެގެންދާނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ވިޔަފާރި ބަނދަރުތަކަކީ ޤައުމެއްގެ އިޤްތިޞާދީ އެންމެހައި ޙަރަކާތްތަކުގެ މައިބަދަކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ހެންވޭރު ބޯޅަދަނޑުގައި ކުރިއަށްދިޔަ މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ވިޔަފާރި ބަނދަރު ތަރައްޤީކޮށް އިޤްތިޞާދީ ދުވެލި ބާރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކުޅުދުއްފުއްޓާއި ހިތަދޫގައި ތަރައްޤީކުރަމުންދާ ބަނދަރު ނިމުމުން ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ޙަރަކާތްތައް މިހާރަށްވުރެ ފުޅާވެ، ރަށްރަށުގެ ވިޔަފާރިއަށް ވަރަށް ބޮޑު ދިރުމެއް އަންނާނެކަމަށް ވިދާޅުވިއެވެ. އޭގެ އިތރުން ގދ. ތިނަދޫގައިވެސް ސަރަޙައްދީ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަމުގައި ވިދާޅުވިއެވެ.