ގެވެށި އަނިޔާގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް މ.މުލަކުގައި ހިންގައިފިއެވެ. މިއީ އެރަށު ޕޮލިސް ސްޓޭޝަނާއި މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މ. އަތޮޅު ގޮފި ގުޅިގެން ހިންގި ހަރަކާތެކެވެ.

މި ހިނގާ ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހު ކުރިއަށްގެންދިޔަ އެ ސެޝަންގައި 36 މީހަަކު ބައިވެރިވެފައިިވެއެވެ. މި ހަރަކާތުގައި ގެވެށި ގުޅުމަކީ ކޮބައިކަމާއި ގެވެށި އަނިޔާ އަކީ ކޮބައިކަމާއި، ގެވެށި އަނިޔާގެ ހާލަތުގެ އިތުރުން ގެވެށި އަނިޔާ އާމެދު ކުރެވިފައިވާ ބައެއް ކުށްހީތައް މި ސެޝަންގައި ކިޔާދީފައިވެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ ގެވެށި އަނިޔާ މުޖްތަމައު ތެރޭގައި އާންމުވަމުންދާ މިންވަރާއި ގެވެށި އަނިޔާ ލިބިފައިވާ މީހުން ދެނެގަންނާނެ ގޮތްތަކާއި ގެވެށި ގުޅުމަކީ ކޮބައިކަމާ ގެވެށި ގުޅުމެއްގައި ހިމެނޭ ފަރާތްތަކަކީ ކޮބައިކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ދެއްވި ކަމަށެވެ. އަދި ގާނޫނުގައި ބަޔާންކޮށްފައިވާ ގެވެށި އަނިޔާގެ އަމަލުތަކަކީ ކޮބައިކަމާއި، އަނިޔާކުރުމަށް މަގުފަހިވާ ސަބަބުތަކާއި، އަނިޔާގެ އަމަލުތައް ހިނގަމުންދާ ގޮތާއި އަދި އަނިޔާކުރާ ފަރާތްތަކުން ބާރުގެ ބޭނުންކޮށްގެން އަނިޔާ ލިބޭ ފަރާތްތައް ކޮންޓްރޯލްކޮށް، އަނިޔާކުރުމުގައި ދެމިހުންނަ ސަބަބުތަކާއި، އަނިޔާގެ ސަބަބުން އަނިޔާގެ ޝިކާރައަށްވާ ފަރާތްތަކަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުންވެސް މައުލޫމާތު ދެއްވި ކަމަށްް ވިދާޅުވެފައިވެއެވެ.

އޭގެއިތުރުން، ގެވެށި އަނިޔާއިން ރައްކާތެރިވާނެ ގޮތްތަކާއި، އަނިޔާގެ އަމަލުތައް ހުއްޓުވުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި، އަނިޔާގެ އަމަލެއް ހިނގައިފިނަމަ އެކަން ރިޕޯޓު ކުރެވޭނެ ވުޒާރާތަކުގެ މައުލޫމާތު ހިއްސާކޮށްފައިވާނޭ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އަދި އަނިޔާގެ އަމަލުތައް ހުއްޓުވުމުގެ ގޮތުން ރައްކާތެރިވުމުގެ އަމުރުގެ މުހިންމުކަމާއި ރައްކާތެރިވުމުގެ އަމުރަށް އެދެވޭނެ ގޮތްތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.