އިއްޔެ އިރު އޮއްސި 6:50 އެހައިކަންހާއިރު ސީޝައިން ޓްރެވެލް އެންޑް ޓުއާސް ކުންފުނީގެ ލޯންޗަކާއި ޑިންގީއެއް ޖެހި ބަޔަކަށް އަނިޔާވި މައްސަލާގައި އެކުންފުނީން ވާހަކަ ދައްކަވައިފިއެވެ.

އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނާފިޒް ބައެއް އޮންލައިން ނޫސްތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އެކުންފުނީގެ "ސީޝައިން 1" ނަމަކަަށް ކިޔާ ލޯންޗުގައި ޖެހިފައިވަނީ އެއްވެސް އަލިކަމަކާ ނުލައި ބާރު ސްޕީޑުގައި ދުއްވާފައި އައި ޑިންގީއެއް ކަމަށެވެ. އެކްސިޑެންޓުވުމާއެކު އެ ލޯންޗު ފިލީ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ހާދިސާ ހިނގާފައިވަނީ ލޯންޗު ފަތުރުވެރިންތަކެއް އެއާޕޯޓަށް ގެންދިއުމަށް ފަހު ހުޅުމާލެ ފަޅަށް ވަދެ ޕެޓްރޯލް އެޅަޅައިގެން ނެރުން ދަނިކޮށް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. ކަމެެއް ހިނގިކަން ވެސް ލޯންޗުގައި ތިބި މީހުންނަށް އެނގުނީ ޑިންގީ އައި ޖެހުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހިސާބުން ޑިންގީ ފިލީ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ޑިންގީ ފިލައިގެން ދިޔަތާ އިރުކޮޅެއް ފަހުން މޫދުން މީހަކު ރޯއަޑު އިވުނު ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ. އެމީހާ ރޮމުންރޮމުން އެދިފައިވަނީ ސަލާމަތް ކޮށްދިނުމަށް ކަމަސް ވެސް އެމްޑީ ވިދާޅުވެފައިވެއެވެ. އެއީ ޑިންގީން ވެއްޓުނު މީހެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެމީހާ ސަލާމަތް ކޮށްފައިވަނީ އެވަގުތު ނެރުން ވަދެގެން އައި ކޯސްޓުގާޑު އުޅަނދެއްގެ އެހީއާއެކު ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

މިކަމާގުޅިގެން ލޯންޗު ވަނީ އެމީހާ ގައިމަތިން ދުއްވާފައި ކަމަށް އެމްއެންޑިއެފުން ވިދާޅުވެފައިވާ ކަަމަށާއި އެއީ ހަގީގަތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. އެ ގޮތަށް ދުއްވި ނަމަ އެމީހާ މަރުވީސް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މި އެކްސިޑެންޓުގައި ލޯންޗުގެ ވާތްފަރާތު އަރިމަތިން ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ. އަދި ޑިންގީގެ ކޮޅު ވަނީ މުޅިން ހަލާކުވެފައެވެ.