ހޯރަފުށީ އަންހެެނުންގެ ކޮމިޓީއަށް ޕީޕީއެމްގެ ކެންޑިޑޭޓު މަހުދިއްޔާ ޢަބްދުއްޞަމަދު ހޮވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެެއްޖެއެވެ. އެ ކޮމިޝަނުން މިއަދު ވިދާޅުވެފައިވަނީ އޭނާ އިންތިޚާބުވީ އެކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވިއިރު އޭޭނާ ނޫން މީހާކު ކުރިމަތި ލިފައި ނުވާތީ އިންތިޚާބަކަށް ނުގޮސް ކަމަށެވެ.

"2022 އޮކްޓޫބަރު 22 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، ހއ.ހޯރަފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ ޢަދަދަށެވެ."

"އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަވާއިދު ގެ 42 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މަހުދިއްޔާ ޢަބްދުއްޞަމަދު، ހއ.ހޯރަފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް އިންތިޚާބުވެއްޖެކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ."