ދެކުނު އޭޝިޔާގެ އަންހެން ގައުމީ ޓީމުތައް ވާދަކުރާ ސަރަހައްދީ އެންމެ ޝަރަފްވެރި ބާސްކެޓް ބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ނޭޕާލްގެ މައްޗަށް 51-47 ޕޮއިންޓުން ކުރި ހޯދައިގެން ރާއްޖެއިން އުއްމީީދީ ފެށުމަކުން ރޭ މުބާރާތް ފަށައިފިއެވެ.

ސޯޝިއަލް ސެންޓަރުގެ އިންޑޯ ކޯޓުގައި، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ގައުމީ ޓީމަށް ތަރުހީބު ދެއްވުމަށް ވަޑައިގެން އިންނެވި މިމެޗުގައި ސަޕޯޓަރުންގެ ފަރާތުން މެޗުގެ ފަހު ދެކުއާޓާފައި ވަނީ އާދަޔާ ހިލާފް ތަރުހީބެއް ފެނިގެން ގޮސްފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި އަނބިކަނބަލުން ފާތިމަތު ފަޒްނާ މެޗް ބައްލަވާލައްވަނީ. ފޮޓޯ: އިމޭޖަސް.ކޮމް

ފުރަތަމަ ކުއާޓާ ރާއްޖެއިން ލީޑުގައި އޮވެ ނިންމާލީ 16-14 އޮވެގެންނެވެ. ދެވަނަ ކުއާޓާގެ ބޮޑުބައި ރާއްޖެ ލީޑުގައި އޮތްނަމަވެސް ކުއާޓާ ނިމެން ދަނިކޮށް ނޭޕާލުން ލީޑް ނަގައި ކުއާޓާ ނިންމާލީ ރާއްޖެއަށް ވުރެ އެއްޕޮއިންޓް ކުރީގައި އޮވެ 25-24 އިންނެވެ. ތިންވަނަ ކުއާޓާގައި ދިވެހި ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑަށް ވަރުބަލިކަން ފާހަގަ ކުރެވިގެންދިޔައިރު ނޭޕާލުން ވަނީ ވަރަށް ހަލުވި ކުޅުމެއް މިކުއާޓާގައި ދައްކާފައެވެ. ނޭޕާލުން ތިންވަނަ ކުއާޓާ ލީޑުގައި އޮވެ ނިންމާލީ 36-34 ޕޮއިންޓުންނެވެ. ހަތަރު ވަނަ ކުއާޓާ އަދި މެޗުގެ ފަހު ކުއާޓާއަށް ދެގައުމުންވެސް ނިކުތީ ކަށިން ހިތްވަރު ލައިގެންނެވެ. ރާއްޖޭގެ ޓީމުގެ އެޓޭކްތައް ލީޑް ކުރާ ތަޖުރިބާކާރު ކުޅުންތެރިޔާ އާމިނަތު ޝިއުރާ އަބްދުލް ބާރީއަށް އަނިޔާވުމުން އޭނާ ނެތްތައް ފޫބައްދަން އިތުރު ހިތްވަރެއް ލުމަށް ދިވެހި ކުޅުންތެރިންނަށް މަޖުބޫރުވިއެވެ. ތަޖުރިބާކާރު ކުޅުންތެރިޔާ ފާތިމަތު ރިޝްމާ އާއި އާމިނަތު އިސްރާއު އަދި ރައީފާ އިބްރާހިމް ހުނަރުވެރި ކުޅުމުން ދިވެހިން މެޗް ނިންމާލީ، އެންމެފަހުގެ ސަބާ ޗެމްޕިއަންޝިޕުގައި ނޭޕާލްގެ ކަތަމަންޑޫގައި ނޭޕާލް އަތުން ހިތްދަތިކޮށް ބަލިވެ ފައިނަލުން ފުރުސަތު ނުލިބި ކެޓުމުގެ ބަދަލު ހިފައި އުފާވެރި މޮޅެއް ހޯދައިގެންނެވެ.

މެޗަށްފަހު ދިވެހި ކުޅުންތެރިން އުފަލުންް ރޮނީ. ފޮޓޯ: އިމޭޖަސް.ކޮމް

މެޗުގެ ފަހު ކަށިގަނޑާއެކު ކުޅުންތެރިންނަށް އުފަލުން ވަރަށް ބޮޑަށް ރޮވުނުއިރު ކުޅުންތެރިންގެ އާއިލާތަކާއި އާންމު އެހެން ސަޕޯޓަރުންވެސް ވަނީ ނޭޕާލް ބަލިކުރެވުމުން ވަރަށް ބޮޑަށް އުފާފާޅު ކޮށްފައެވެ.

މުބާރާތުގެ ދެވަނަ މެޗުގައި އަންނަ ބުދަ ދުވަހުގެ ރޭ ރާއްޖެ ބައްދަލު ކުރަން ޖެހޭނީ އެންމެފަހުގެ ޗެމްޕިއަން ސްރީލަންކާއާއެވެ. ރާއްޖެ ކުޅެން ޖެހޭ ފަހު މެޗުގައި ބްރާސްފަތި ދުވަހުގެ ރޭ ނިކުންނާނީ ބޫޓާނާ ދެކޮޅަށެވެ. މުބާރާތުގައި މިރޭ ބައްދަލު ކުރާނީ ލަންކާ އާއި ބޫޓާނެވެ.

ސަބާ ބާސްކެޓް ޗެމްޕިއަންޝިޕުގައި އިންޑިޔާ އާއި ބަންގްލަދޭޝް ވާދައެއް ނުކުރެއެވެ.