ބޮޑުތިލަދުންމަތީގައި އާރް.ޓީ.އެލް. ރަސްމީކޮށް އިފްތިތާޙް ކުރެވުމާއެކު ރައްޔިތުން ރަށު ބަންދުން ވީއްލި، ދަތުރުފަތުރުގެ އިންޤިލާބީ އައު ބާބެއް ފެށުނީ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
އެ ކުންފުނީން މިހެން ވިދާޅުވެފައިވަނ ބޮޑު ތިލަދުންމަތި ގުޅާލާ، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ގެ ފުރަތަމަ ފިޔަވަހި ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވި ޚަބަރު ހާމަކުރައްވަމުންމެެވެ. މިކަން ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ.
މުޅި ރާއްޖެ ކަނޑުމަގުން ގުޅާލެވޭ އާރިޓީއެކް ހައި ސްޕީޑް ފެރީ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ވަޢުދުފުޅެކެވެ. މިގޮތުގެ މަތިން، "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރެއްވީ 17 ޖެނުއަރީ 2021 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ފޭސް 1 ގެ ދަށުން، ޒޯން 1 ގެ ހއ. ހދ. އަދި ށ. އަތޮޅަށް މިހާރުވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް ސްޕީޑް ފެރީގެ ޚިދުމަތް ދޭން ފެށިފައެވެ. އަދި މި މަޝްރޫޢުގެ ފޭސް 2 އަދި ފޭސް 3 އެއްގެ ދަށުން، ބާކީ 17 އަތޮޅަށް ޚިދުމަތް ދޭންފެށި މުޅި ރާއްޖެ ކަނޑު ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލެވިގެންދާނޭ ކަމަށް އެމްޓީސީސީން ވިދާޅިވިއެވެ.
މިޚިދުމަތުގެ ސަބަބުން އަތޮޅުތަކުގެ ރައްޔިތުންނަށް އިޤްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ފައިދާތަކެއް ކުރާނޭ ކަމަށް ވެސް އެމްޓީސީސީން ވިދާޅުވިއެވެ.
ފުރަތަމަ ޒޯނުގައި މި ޚިދުމަތް ފަށާފައި މި ވަނީ، ޒަމާނީ، ދުވެލި ހަލުއި، އުޅަނދުފަހަރުގައެވެ. މިގޮތުން ކުރިއަށްވުރެ އެތައް ގުނައެއް އަވަސްކޮށް ބާރު ދުވެލީގައި މިހާރު ދަތުރުތައް ކުރެވޭނެއެވެ. އެއާކޯން ކުރެވިފައިވާ މިއުޅަނދުފަހަރު ހުންނާނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އަރާފޭބޭގޮތަށް އަދި ބަލިމީހުން އުފުލުމަށް ވެސް ފަސޭހަވާނެގޮތަށް ފަރުމާކުރެވިފައި ކަމަށް ވެސް އެމްޓީސީސީން ވިދާޅުވެފައިވެއެވެ. އުޅަނދުފަހަރުގައި ފާޚާނާއާއި ލަގެޖް ބެހެއްޓޭ ޖާގަ ވެސް ހުންނާނެއެވެ.
މިއީ، ރާއްޖޭގެ މޫސުމާ، އޮއިވަރާ، ބާންޏާއި، ރާޅަށް ރިޢާޔަތް ކުރެވިގެން، (ދެ މޫސުމަށް ވެސް، ފަހިވާނޭހެން) ބަނދެފައިވާ، ކަނޑަށްވެސް ގަދަ، އުޅަނދު ތަކެކެވެ.
ސްމާޓުފޯނެއް ނެތް ބޭފުޅަކަށް، ޓިކެޓުގެ ނަންބަރު ދައްކަވާލައިގެން ދަތުރުކުރެވޭނެއެވެ. ޓިކެޓް ބައްލަވައިގަތުމަށް ކަސްޓަމަރުންނަށް އާރް.ޓީ.އެލް ވެބްސައިޓް އަދި އެޕްލިކޭޝަން ބޭނުންކުރެވޭނެއެވެ. ކިޔު.އާރް ޓިކެޓް ބައްލަވައިގަންނަވާނެ ގޮތުގެ ތަފްސީލް އާރް.ޓީ.އެލް ޔޫޓިއުބް ޗެނަލް އަދި މީސް މީޑިއާ މަންސަތަކުގައި ވީޑިއޯގެ އެހީގައި ޝާޢިޢު ކުރެވިފައިވާނެއެވެ. އަދި އާރް.ޓީ.އެލް ޓްރެވަލް އެޕް އެޕަލް އެޕް ސްޓޯރ އަދި ގޫގްލް ޕްލޭ ސްޓޯރއިން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ސްޕީޑް ފެރީގެ ޚިދުމަތް 6 ޒޯނުގައި ފެށިގެން ދާއިރު، ޒަމާނީ ފެރީގެ ޚިދުމަތް ދޭ 82 އުޅަނދެއް އޮންނާނޭ ކަމަށް އެމްޓީސީީސީން ވިދާޅުވިއެވެ. އޭގެ އިތުރުން 188 ފެރީ ޓާރމިނަލް ހުންނާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މި އުޅަނދުތަކަށް ޚިދުމަތް ދޭނެ ބޯޓުޔާރޑު ރާއްޖޭގެ ތިން ސަރަޙައްދެއްގައި ޤާއިމުކުރެވިފައި ހުންނާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ މަގުސަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ވެސް އެކުންފުނީން ވިދާޅުވެފައިވެއެވެ.
ބޮޑުތިލަދުންމަތީގައި މި ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަޙުލާއާއި، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުالله ވަހީދުއާއި، ކެބިނެޓް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ދަޢުލަތުގެ ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.