ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ޤުރުއާނަށް ކުދިން ހިތްޖައްސައި، ދަރިވަރުނަށް ވީހާވެސް ގިނަ ފުރުޞަތުތައް ތަނަވަސްކޮށްދީ އެހީތެރިވެދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ކިންގް ޢަބްދުލް ޢަޒީޒް އިންޓަރނޭޝަނަލް ހޮލީ ޤުރުއާން" މުބާރާތުގައި ބައިވެރިވި ދިވެހި ދަރިވަރުން ކަމަށްވާ އަޙްމަދު ނަބީޙް ޢަބުދުލްޤާދިރުއާއި މުޙައްމަދު ޔޫޝަޢު އާ ބުދަދުވަހު ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި އެ ދަރިވަރުންގެ އިތުރުން ދެ ދަރިވަރުންގެ ބެލެނިވެރީން ވެސް ބައިވެރިވިއެވެ. ނާއިބު ރައީސް ވަނީ އެ ދެ ދަރިވަރުން މުބާރާތުގައި ބައިވެރިވުމަކީ ރާއްޖެއަށް ލިބުނު ރީތި ނަމަކާ ޝަރަފެއްކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު ވަނީ އެ ދަރިވަރުންނާއި ދަރިވަރުންގެ މައިންބަފައިންނަށް ތަޢުރީފާއި ޝުކުރު ވެސް އަދާކުރައްވާފައެވެ. ޚާއްޞަކޮށް މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށް އަޙްމަދު ނަބީޙް ހޯދި ކާމިޔާބީ އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަކުރެއްވުމުގައި މި ދެދަރިވަރުންގެ ބެލެނިވެރިންގެ ފަރާތުން ވަނީ ސަރުކާރުން މިދަރިވަރުންގެ ކަންކަމުގައި ދެއްވާ އެއްބާރުލުމާއި ވެދެއްވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މި ދެ ދަރިވަރުންގެ މައިންބަފައިންގެ އިތުރުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރާއި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.