ނ. އަތޮޅު މަދަރުސާގެ ދަރިވަރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ނަގައިދީފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މަނަދޫގައި ހުންނަ އެ މަދަރުސާގައި މިއަދު ކުރިއަށް ގެންދިޔަ ސެޝަނުގައި، މަގުމަތީގައި ހިނގާ ބިނގާވެ އުޅުމުގައި ދަރިވަރުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކާއި ދުއްވާ އެއްޗިއްސަށް ސަމާލުކަންދިނުމަށް ކުރެވިދާނެ ކަންތައްތައް އަދި މަގު ހުރަސްކުރާއިރު ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މަގުމަތީގައި އެކްސިޑެންޓުތައް ހިނގުމަށް މެދުވެރިވާ ސަބަބުތަކާއި އެކްސިޑެންޓްތައް މަދުކުރުމަށް ދަރިވަރުންގެ ފެންވަރުގައި ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވާނޭ ކަމަށް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން އެކްސިޑެންޓުތަކުން ރައްކާތެރިވުމާއި އެކްސިޑެންޓު ހިނގުމުން އަމަލުކުރާނެ ގޮތުގެ ސިނާރިއޯއެއް ތައްޔާރުކޮށް ދަރިވަރުންނަށް މައުލޫމާތު ދީފައިވެއެވެ. އަދި އެއްގަމު ދަތުރުފަތުރު ކުރުމުގައި ބޭނުންކުރާ ނިޝާންތަކާއި އެ ނިޝާންތައް ބޭނުންކުރާނެ ހާލަތްތަކާ ގުޅޭގޮތުން މައުލޫމާތު ވެސް ދީފައިވެއެވެ.

މަނަދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ކުރިއަށް ގެންދިޔަ އެ ސެޝަނުގައި ނ. އަތޮޅު މަދަރުސާގެ ގްރޭޑް 1 އިން 3 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުން ބައިވެރިވިއެވެ.