އިސްލާމީ ދުނިޔޭގެ މަޝްހޫރު ފިޤްހް އިލްމުވެރިޔާ ޑރ. ޔޫސުފުލް ގަރްޟާވީގެ މައްޗަށް މިއަދު ހުކުރު ނަމާދަށްފަހު ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ޣައިބަށް ކަށު ނަމާދުކުރަން އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ.

ގަރްޟާވީ އަވަހާރަވީ އުމުރުފުޅުން 96 އަހަރުގައި ގަތަރުގެ ވެރިރަށް ދޯހާގައި މިމަހުގެ 26 ވަނަ ދުވަހުއެވެ. ގަރްޟާވީގެ ޖަނާޒާ ގަތަރުގައި ބާއްވާފައިވާއިރު އިސްލާމީ ދުނިޔޭގެ ފުންނާބު އުސް އެތައް އިލްމްވެރިންނެއް ޖަނާޒާގައި ބައިވެރިވެ ވަޑައިގަތެވެ.

ގަރްޟާވީ އުފަންވެވަޑައިގަތީ މިސްރަށެވެ. ތައުލީމް ހާސިލް ކުރެއްވީ މިސްރުގެ މަޝްހޫރު އަލް އަޒްހަރު ޔުނިވަރސިޓީންނެވެ. އެހެންނަމަވެސް ފަހުން ގަތަރަށް ވަޑައިގެން އެގައުމުގެ ރައްޔިތަކަށް ވެވަޑައިގަތީއެވެ.

ގަރްޟާވީ އަހަރާވިއިރު ދުނިޔޭގައި 4 އަންހެން ބޭކަނބަލުންނާއި 3 ފިރިހެން ބޭކަލުން އެބަތިއްބެވިއެވެ. މީގެ ތެރެއިން 3 ބޭފުޅުންނަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީތަކުން ޑޮކްޓަރޭޓް ހާސިލް ކުރައްވާފައިވާ ބޭފުޅުންނެވެ. ގަރްޟާވީގެ އަންހެން ބޭކަނބަލުންގެ ތެރެއިން އެންމެ މަޝްހޫރީ ނިއުކްލިއަރ ސައިންސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އިލްހާމް ޔޫސުފް އަލް ޤަރްޟާވީއެވެ. ފިރިހެން ބޭފުޅުންގެ ތެރެއިން އެންމެ މަޝްހޫރީ މިސްރުގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަމުން އަންނަ އަބްދުއްރަހްމާން ޔޫސުފް އަލް ގަރްޟާވީއެވެ.

ފިޤްހީ މައްސަލަތަކުގައި ގަރްޟާވީ ގެންގުޅުއްވާ ވިސްނުންފުޅުގެ ސަބަބުން ގަރްޟާވީއަކީ އިސްލާމީ ދުނިޔޭގެ އިތުރުން ޣައިރު މުސްލިމުން ތެރޭގައިވެސް މަގުބޫލް ބޭފުޅެކެވެ. ގަރްޟާވީ ހުށަހެޅުއްވި މަޝްހޫރު "އައް ޝަރިއްޔާ - ވަލް ހަޔާތު" އަކީ ވަރަށް މަޝްހޫރުވި ޕްރޮގްރާމެކެވެ. ދުނިޔޭގެ ކަންކޮޅުތަކުން 800 މިލިޔަނެއްހައި މީހުން މިޕްރޮގްރާމް ބެލިއެވެ.

ގަރްޟާވީއަކީ ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އިސްރާއިލާ ދެކޮޅަށް ޖިހާދު ކުރުމަށް ފާޅުގައި ބަސްފުޅު ވިދާޅުވެ ތާއިދު ކުރެއްވި ބޭފުޅެކެވެ. އަދި ހުޅަނގުގެ ގައުމުތަކުން މެދުއިރުމަތީގެ އިސްލާމީ ގައުމުތަކުގައި "ޑިމޮކްރަސީ" ގެ ނަމުގައި ހިންގާ އަސްކަރީ ހަރަކާތްތަކާ ފާޅުގައި ދެކޮޅު ހެއްދެވިއެވެ. މީގެ އިތުރުން އިރާގަށް އަރައިގަނެ ސައްދާމް ހުސައިން ވެރިކަމުން ދުރުކޮށް ސައްދާމް ހުސައިންގެ ޝަރީއަތް އެމެރިކާގެ ބާރާއި ނުފޫޒުން ހިންގި ހިންގުމަށްވެސް ގަރްޟާވީ ދެކޮޅު ހެއްދެވިއެވެ. ގަރްޟާވީ އޭރު ވިދާޅުވެފައި ވަނީ ސައްދާމް ހުސައިން އެމެރިކާގެ ބާރުން ދަންޖެއްސީ އިސްރާއިލަށް ދިން މިސައިލް ހަމަލާގެ ބަދަލު ހިފުމަށް ކަމަށެވެ.

ގަރްޟާވީ އަވަހާރަވިއިރު، އެމެރިކާއި އިނގިރޭސި ވިލާތާއި ފްރާންސާއި އެހެނިހެންވެސް ހުޅަނގުގެ ގިނަ ގައުމުތަކަށް ގަރްޟާވީ އެގައުމުތަކަށް ދަތުރު ކުރެއްވުން އޮތީ މަނާކޮށްފައެވެ.