ގިނިސް ބްކް އޮފް ވޯލްޑް ރެކޯޑުން ޖާގަ ހޯދުމަށް "ނޭވާ 2" މިއަދު ހަވީރު 4 ޖަހާއިރު އޮންނާނެއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ވޯލްޑް ރެކޯޑް ގާއިމު ކުރުމަށް ހިންގާ އެންމެ ބޮޑު ހަރަކާތް ކަމަށް ނޭވާ 2 އިންތިޒާމް ކުރާ ފްރީޑައިވް އިން ބުނެއެވެ.

އެއްފަހަރާ އެންމެ ގިނަ މީހުން، އެއްވަގުތެއްގައި މޫދު އަޑީގައި ވަކި ވަގުތެއްވަންދެން ނޭވާ ހިފަހައްޓާލައިގެން ތިބެ، މި ރިކޯޑް ހޯދުމަށް ފަށާގަޑިއަކީ މިއަދު ހަވީރު 4.30އެވެ.

ދުނިޔޭގެ ރެކޯޑް ފޮތަށް އަރާނެ މި ބޮޑު ޙަރަކާތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އިސްވެރިން ބައިވެރިވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ފްރީޑައިވް މޯލްޑިވްސް އިން ރާވާ މިޙަރަކާތަކީ ރާއްޖޭގެ ފަތުރުވެރިަކަމުގެ ރަންޔޫބިލް އާއި ގުޅިގެން ރާއްޖޭގެ ނަން ގިނީސް ވޯލްޑް ރެކޯޑް ރެކޯޑްފޮތަށް އެރުވުމަށް ހިންގާ ބޮޑު ޙަރކާތެކެވެ. މިޙަރަކާތުގައި ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ މީހުންނާއި އެހެނިހެން މީހުނަށްވެސް ފުރުޞަތު ހުޅުވާލިއެވެ. އަދި މިޙަރަކާތުގައި ބައިވެރިވާ ރިސޯޓްތަކުގެ މީހުނަށް ފްރީޑައިވް މޯޅްޑިވްސްއިން ތަމރީނުވެސް ދިނެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ރާވާ މި ޙަރކާތް ބޭއްވުމުގެ މަޤުޞަދުތަކުގެތެރޭގައި ވޯލްޑް ރެކޯޑްފޮތުން ޖާގަ ހޯދުމުގެ އިތުރަށް ރާއްޖޭގެ ތިމާވެށްޓަށް ސަމާލުކަންދީ ތިމާވެށްޓާމެދު ހޭލުންތެރިކަން އިތުރުކުރުންވެސް ހިމެނެއެވެ.

މީގެ ފުރަތަމަ ޙަރަކާތް ބޭއްވީ 2019 ވަނަ އަހަރުއެވެ. އެ ޙަރަކާތުގައި ރާއްޖެއިން ވަނީ ފްރީ ޑައިވް ކުރުމުގެ ވޯޅްޑަ ރެކޯޑް ގާއިމް ކޮށްފައެވެ.

މިފަހަރުގެ ރެކޯޑު ހޯދުމަށް ބަލަނީ ވީހާވެސް ގިނަވަގުތު އެންމެ ގިނަބަޔަކު މޫދުއަޑީގައި އޮތުމަށް ކަމަށް ފްރީޑައިވް މޯލްޑިވްސް އިން މައުލޫމާތު ދެއްވައެވެ.